ޅ.ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމްއިން ގެ ކެނޑިޑޭޓް އިސްމާއީލް މަދީހު ކާމިޔާބުކުރައްވައިފި އެވެ.
ކުރެންދޫގައި ބެހެއްޓި ދެ ފޮށީގެ ޖުމްލައަށް ބަލާއިރު އެމްޑީޕީގެ ކެނޑިޑޭޓް 366 ވޯޓް ހޯދައިފައި ވެއެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް 380 ވޯޓް ހޯދައިފައިވެއެވެ. މާލޭ ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް 200 ވޯޓް ހޯއްދެވިއިރު ޕީޕީއެމްގެ ކެނޑިޑޭޓް ވަނީ 235 ވޯޓް ހޯއްދަވައިފައެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި މާދިހް އަކީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރައްވި ބޭފުޅެކެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮޑި ޕީޕީއެމަށް ލިބުނު ކަމުގައިވީ ނަމަވެސް އެކައުންސިލްގެ ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.