ހިތަދޫ “މަސްޖިދު އިބްރާހީމް” ރައީސް ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ ފަރާތަކުން ޢިމާރާތްކޮށްފައިވާ މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

“މަސްޖިދު އިބްރާހީމް” ނަން ދީފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ އިޝާނަމާދު ވަގުތަށެވެ. ރައީސް ވަނީ މިސްކިތް ހުޅުއްވައިދެއްވާ ޖަމާތުގައި ނަމާދުކުރައްވާފައެވެ. މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މިސްކިތް ބިނާކޮށްފައިވަނީ އައްޑޫ ސިޓީ ލިންކް ރޯޑު ހިތަދޫގައެވެ. 500 މީހުންގެ ޖާގައިގެ މި މިސްކިތުގެ ޚާއްސަކަމަކީ މިސްކިތުގެ ދެފަރާތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވުމެވެ. ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަ ބައިގައި އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ އެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ