އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ނިއުކާސަލްގެ މައްޗަށް ކުރިހޯދާ، ޓޮޓެންހަމް އިން ލީގު ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ ޓޮޓެންހަމް އިން ނިއުކާސަލް ބަލިކުރީ 1-5 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ނިއުކާސަލް އިންނެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި މިލަނޑު ނިއުކާސަލް އަށް ކާމިޔާބު ކޮށްދިނީ ޝަރ އެވެ.
ނިއުކާސަލްގެ މިލަނޑަށް މާގިނަ އިރުތަކެއް ނުވަނީސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް އިންވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސޮން ހިއުންގ މިން ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެން ޑޭވިސް އެވެ.
ހަމަހަމަ ނަތީޖާ އަކާއިއެކު ދެޓީމުން ދެވަނަ ހާފާއި ކުރިމަތިލިއިރު ދެވަނަ ހާފު ފަށައިގެން ތިން މިނެޓުގެ ތެރޭގައި ޓޮޓެންހަމް އިންވަނީ އިތުރު ލަނޑެއްޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. ކެޕްޓަން ހެރީ ކޭންގެ އެސިސްޓަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޓް ޑޮހާޓީ އެވެ.
ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމަށް ލީޑު ފުޅާކޮށްދިނީ ސޮން އެވެ. މިއީ ކުލުސެވްސްކީގެ އެހީތެރިކަމާއެކު ސޮން އެވެ. އަދި އޭގެ ނުވަ މިނެޓުފަހުން އެމާސަން ރޯޔަލް ވަނީ ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މެޗުގައި ޓޮޓެންހަމް އިންޖެހި ފަސްވަނަ ލަނޑު އަދި މެޗުގައި ފެނިގެންދިޔަ ފަސްވަނަ ލަނޑު ލޫކަސް މޮއުރާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ސްޓީވަން ބާޖްވައިން އެވެ.
މިމޮޅާއެކު ޓޮޓެންހަމް ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލީ ކުޅުނު 30 މެޗުން 54 ޕޮއިންޓާއެކުއެވެ. އެޓީމުގެ ފަހަތުން ފަސްވަނައިގައި އޮތީ ކުރިން ހަތަރުވަނައިގައި އޮތް އާސެނަލް އެވެ. އާސެނަލް އަށް 28 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު އެޓީމުގެ މައްޗަށް ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ތާވަލުގެ އެއްވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީ އޮތީ 30 މެޗުން 73 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ އެއް ޕޮއިންޓު މަދުން ލިބިގެންނެވެ.