މަގާމަށް އައްޔަން ކުރިތާ 4 މަސްވެސް ނުވަނީސް އައްޑޫ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ އިތުބާރު ނެތްކަމަށް ކައުންސިލުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ރޭ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ. ޝުޖާއުގެ އިތުބާރު ނެތްކަމަށް 6 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއާ އެއްކޮޅަށް ވޯޓު ދެއްވީ 5 މެމްބަރުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް މެމްބަރަކު ރަށުން ބޭރުގައި ހުންނެވުމުން އޭނާއަށް ވޯޓުގައި ބައިވެރި ނުވެވުނެވެ.
ޝުޖާއު އެމަގާމަށް އައްޔަން ކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. ޝުޖާއު އައްޔަން ކުރުމުގެ ކުރިން ވަގުތީ ގޮތުން އެސްޖީ ކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު ހަލީމެވެ. ނަމަވެސް ސުޖާއުއާ ވާދަކޮށް ހަލީމް ނުހޮވުނީ ވަގުތީ ގޮތުން މަގާމުގައި ހުންނެވި އިރުވެސް ކައުންސިލްގެ މަސައްކަތްތައް ނުހިންގޭތީ ކަމަށް ބައެއް ފަރާތްތަކުންބުނެ އެވެ.
4 މަސްވެސް ނުވަނީސް ޝުޖާއުގެ އިތުބާރުނެތްކަމުގެ ވޯޓަކަށް ދާންޖެހުނީ ކައުންސިލް ހިންގުމުގައި އެއްބާރުލުން ނުދީ ދަތިކުރަމުންދާތީ ކަމަށް އައްޑޫ ސިޓީ ކައުންސިލަރަކު ވިދާޅުވި އެވެ.
އެސްޖީ މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކުރުމުން ދެން އެ މައްސަލަ ހުށައަޅާންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. އެއަށްފަހު އެ ކޮމިޝަނުން އޭނާ ރަސްމީކޮށް މަގާމުން ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނެ އެވެ.