ހަނިމާދޫ ބަނދަރާއި މަގުގެ މަސައްކަތް ޖުލައިމަހަށް ނިންމަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ބަނދަރާއި މަގުގެ މަސައްކަތް ޖުލައިމަހަށް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިފަދައިން ވިދާޅުވީ ހަނިމާދޫ މަސައްކަތްތައް ބަލާލުމަށް ކުރި ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.

“ބަނދަރުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިއްޖެ. މިހާރު ކުރިއަށްދަނީ ބްރޭކް ވޯޓަރގެ ބައެއް މަސައްކަތްތަކާއި ކީވޯލްގެ މަސައްކަތާއި ޕޭވްމަންޓްގެ ބައެއް މަސައްކަތް. މިހުރިހާކަމެއް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެ.” އާޒިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގައި މީގެކުރިން އޮތް 500 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރު އެމްޓީސީސީންވަނީ 1100 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރަކަށް ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ބަނދަރުގެ އިތުރުން އެމްޓީސީސީން އަންނަނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް ހަނިމާދޫގައި 7.1ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހަނިމާދޫގައި ތަރައްޤީކުރާ މަގުތަކުގެތެރެއިން 6 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

“ތިން ފޭސްއަކަށް މަގު ހެދުމުގެ މަސައްކަތް މި ކުރިއަށްގެންދަނީ. އެގޮތުން ފޭސް އެކެއްގެ މަސައްކަތް އެއްކޮށް ނިމިއްޖެ. ފޭސް ދޭއްގެ މަސައްކަތް މިހާރު ނިމެނީ އަދި ތިންވަނަ ފޭސްގެ މަސައްކަތްތައްވެސް ފެށިގެން ކުރިއަށް އެބަދޭ. މިހުރިހާކަމެއް ޖުލައިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ.” އާޒިމް ވިދާޅުވިއެވެ.

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް ހިނގާ ސަރަޙައްދާއި ދުއްވާ ސަރަޙައްދު ވަކިން ޤާއިމުކުރުމާއި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 76.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ހަނިމާދޫގައި ބަނދަރު ހެދުމާއި މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މި ދެމަސައްކަތްވެސް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ