ދިވެހިރާއްޖެއިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ސައޮ ޓޮމޭ އެންޑް ޕްރިންސީޕޭއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފިއެވެ.
ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންއެވެ. އަދި ސައޮ ޓޮމޭ އެންޑް ޕްރިންސީޕޭގެ ފަރާތުން ސޮއި ކުރެއްވީ އެޤައުމުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އަލްސިނިއޯ ކްރަވިޑް އީ ސިލްވާއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މިވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި މަސްލަހަތު ހިމެނޭ ހުރިހާ ދާއިރާއަކުން، ދެ ޤައުމުގެ ރައްޔިތުން ގުޅުވައިދޭ، އެއްބާރުލުން އިތުރުކުރުމަށް ތާރީޚީ އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެކަމަށެވެ. މިއީ ރާއްޖޭން ސިޔާސީ ގުޅުން ގާއިމްކުރި 180 ވަނަ ޤައުމެވެ.
އެފްރިކާގެ ޖަޒީރާ ޤައުމެއް ކަމަށްވާ ސައޮ ޓޮމޭ އެންޑް ޕްރިންސީޕޭއަކީ އީކުއޭޓަރާ ވަރަށް ކައިރީގައި އޮންނަ ޖަޒީރާ ޤައުމެކެވެ. މިއީ ގާތްގަނޑަކަށް ދެލައްކަ ނަވާރަ ހާސް މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެކެވެ.