ދުބާއީގައި ކުރިއަށްދާ ޤުރުއާން މުބާރާތުގެ ފައިނަލްގައި ނަބީޙް ރާއްޖެ ތަމްސީލުކޮށްފި

ޚަބަރު ފަހުގެ

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގެ ފައިނަލް ރައުންޑުގައި ނަބީޙް ރާއްޖެ ތަމްސީލުކޮށްފިއެވެ.

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 1ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހާއި ހަމައަށް ދުބާއީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް އަލްޙާފިޡް އަޙްމަދު ނަބީޙްވަނީ މުބާރާތުގެ ފައިނަލް ބުރުގައި ކިޔަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި ނަބީޙުގެ ކިޔެވުން އަޑުއަހާފައި ޙާޒިރުވެތިބި އެތައް ބައެއްގެ ތަޢުރީފު ނަބީޙްއަށް ލިބިގެންދިޔައެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަރވިއުގައި ސޫރަތެއްގެ ނަން ބުނުމަށްފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީޙު ވަނީ އެ އާޔަތް ކިޔައިފައި ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ. އަދި އެވަގުތު ނަބީހުގެ އާދަޔާ ޚިލާފު ހުނަރު ފެނިފައި އިންޓަރވިއު ކުރި ފަރާތުން ފެންކަޅިވިކަމަށްވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ.

މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީޙް ވަނީ މިމުބާރާތުގައި ދައްކާފައެވެ. ނަބީޙުގެ އެ ހުނަރުތައް ފެނިފައި ދުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ ނަބީޙުގެ ކިޔެވުން ރިކޯރޑުކުރުމަށް ބޭނުންވާކަމަށްވެސް ބުނެފައެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީޙުއަކީ ވަރަށް ކުރިންސުރެ ޤުރުއާން ހިތުދަސްކޮށް، ޤުރުއާން މޮޅަށް ކިޔެވުމުގެ ހުނަރު ލިބިފައިވާ ކުއްޖެކެވެ. އެގޮތުން ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު މީގެ ކުރިން ވެސް ނަބީޙްއަށް ލިބެންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަދުގެ ސަރުކާރުގެ ސިޔާސަތަކީ މިފަދަ ކުދިންނަށް ފުރުޞަތު ފަހިކޮށްދީ ތަފާތުކުރުންތައް ނައްތާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ވަރަށް ބޮޑަށް އަދުގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ ބާރުއަޅުއްވާ ކަމަށާއި، ނަބީޙްގެ ޢާއިލާއާ ބައްދަލުކުރައްވައި، ނަބީހުއަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ