ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް

ޚަބަރު ފަހުގެ

ހުޅުމާލޭ ފުރަތަމަ ފިޔަވަށްސާއި ދެވެނަ ފިޔަވަހި ގުޅުވައިދޭ ކަނެކްޓިވިޓީ ބްރިޖްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބައެއް ބަދަލުތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އެޗް.ޑީ.ސީން ގެނެސްފިއެވެ.

އެޗް.ޑީ.ސީން ޓްރެފިކަށް ބަދަލުގެނެސްފައިވަނީ ނިރޮޅުމަގު ބްރިޖާއި، ހިތިގަސްމަގު ބްރިޖް ސަރަޙައްދުންނެވެ. މިބަދަލުތައް ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ

އިޝްތިހާރު
އިޝްތިހާރު

ނިރޮޅުމަގު އުތުރުން ދެކުނަށް (ފޭސް ދެއަކުން އެކަކަށް) ދަތުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާ ހިނގުމަށް ވާއަތަށް ލަނބައެއް ނުލެވޭނެއެވެ. އަދި މި މަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާ ހިނގުމަށް ކަނާއަތަށްވެސް ލަނބައެއް ނުލެވޭނެއެވެ. މިބަދަލާގުޅިގެން ނިރޮޅުމަގުގޯޅި 1 އިން ދަތުރުކުރެވޭނީ ހަމައެކަނި ހުޅަނގުން އިރަށެވެ.

ނިރޮޅުމަގު ދެކުނުން އުތުރަށް (ފޭސް އެކަކުން ފޭސް ދެއަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ކުރިއަށެވެ. ނުވަތަ ލަނބާލެވޭނީ ވައަތަށް ކުރެދިމާހިނގުމަށެވެ. މިމަގުން ދަތުރުކުރާ ފަރާތްތަކުން ކުރެދިމާހިނގުމަށް ކަނާއަތަށް ލަނބައެއްނުލެވޭނެއެވެ. މި ބަދަލާއެކު ކުރެދިމާހިނގުން ނިރޮޅުމަގު ބްރިޖުން ފެށިގެން ހިގިގަސްމަގު ބްރިޖާހަމައަށް ދަތުރުކުރެވޭނީ ހަމައެކަނި އިރުން ހުޅަނގަށެވެ.
ހިތިގަސްމަގު އުތުރުން ދެކުނަށް (ފޭސް ދެއަކުން އެކަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ހަމައެކަނި ކުރިއަށެވެ. ކުރެދިމާހިނގުމަށް ވާއަތަށް ލަނބައެއްނުލެވޭނެއެވެ. އަދި މިމަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާހިނގުމަށް ކަނާއަތަށްވެސް ލަނބައެއް ނުލެވޭނެއެވެ.

ހިތިގަސްމަގު ދެކުނުން އުތުރަށް (ފޭސް އެކަކުން ފޭސް ދެއަކަށް) ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ ކުރިއަށެވެ. އަދި ކުރެދިމާހިނގުމަށް ވާއަތަށް ލަނބާލެވޭނެއެވެ. މިމަގުން ދަތުރުކުރާ ފަރާތްތަކަށް ކުރެދިމާހިނގުމަށް ކަނާއަތަށް ލަނބައެއްނުލެވޭނެއެވެ.

ކުރެދިމާހިނގުމުން ހުޅަނގުން އިރަށް ދަތުރުކުރާ ފަރާތްތަކަށް ލަނބާލެވޭނީ ހިތިގަސްމަގު ބްރިޖުން ވާއަތަށެވެ. ހިތިގަސްމަގުން ކަނާއަތަކަށް ލަނބައެއްނުލެވޭނެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ނިރޮޅުމަގު ބްރިޖު އަދި ހިތިގަސްމަގު ބްރިޖު ސަރަހައްދުގެ ޓްރެފިކަށް ގެނެވުނު ބަދަލުތަކަކީ އެ ސަރަހައްދުގެ މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެނެވުނު ބަދަލުތަކެކެވެ.

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅުވާލާފައިވަނީ 4 ކަނެކްޓިވިޓީ ބްރިޖަކުންނެވެ. މީގެތެރެއިން އާންމުންނަށް ހުޅުވާލާފައިވަނީ އެންމެ އިރުމަތީ ފަރާތުން ނިރޮޅުމަގު ބްރިޖާއި، އެއާ ޖެހިގެން ހުޅަނގަށް އޮންނަ ހިތިގަސްމަގު ބުރިޖެވެ. އޭގެ ހުޅަނގަށް އޮތް ދެ ބުރިޖު އަދި އާއްމުކޮށް ހުޅުވާލާފައެއްނުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، އާއްމުންނަށް ހުޅުވާލާފައިވާ ބްރިޖް ސަރަަޙައްދުގައި ފަހަކަށް އައިސް އެކްސިޑެންޓްވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ޓްރެފިކަށް މި ގެެނެވުނު ބަދަލުތަކާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ