ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ބޮޑުވަޒީރު ކަމުން ދުރުކޮށްފި

ޚަބަރު ފަހުގެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓު ފާސްކޮށް އޭނާ މަގާމުން މިރޭ ދުރުކޮށްފި އެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްވީ 172 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު އެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި 342 މެމްބަރުން ތިބެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް އެވެ. މި ވޯޓު ނެގުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެ ދުވަހު އެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ. އެއާއެކު އިމްރާން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު އަވަސް އިންތިހާބަކަށް ގޮވާލާފަ އެވެ.

އިމްރާންގެ މި ނިންމުން އެގައުމުގެ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ބުނީ ސަރުކާރުގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި އެއީ އަމަލުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ. އަދި ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނެގުމަށް އަމުރުކޮށްފަ އެވެ.

މި ވޯޓާ ދިމާކޮށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ބޮޑު ޕާޓީއެއް ކަމަށްވާ މުއްތަހިދާ ގައުމީ މޫވްމަންޓް ޕާކިސްތާން (އެމްކިއުއެމް-ޕީ) އާއި އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު އަލުން ނަގަން އަމުރުކޮށްފައިވާއިރު އިމްރާން ވަނީ އޭނާ ވެރިކަމުގެ ދުރުކުރުމުގެ ފަހަތުގައި ވަނީ ބޭރުގެ ބާރުގަދަ ދައުލަތެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޕާކިސްތާނުގެ 75 އަހަރުވީ ތާރީހުގައި މިހާތަނަށް އެގައުމުގެ އެއްވެސް ބޮޑުވަޒީރަކަށް މަގާމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ