މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.18 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާ އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 64 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ މާޗު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މާރިޗު 2021 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ފެބުރުވަރީ 2021 އާއި އަޅައިބަލާއިރު، ފެބުރުވަރީ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 54 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 1.10 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 541.19 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 106.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.


