އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު 31 މެޗުން ލިބުނު 74 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ސިޓީ އެވެ. ދެވަނައިގައި 31 މެޗުން ލިބުނު 73 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. މި ދެ ޓީމަށް ވެސް ލީގުގައި ބާކީ ދެން އޮތީ ހަތް މެޗެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީވެސް ސިޓީންނެވެ. އެގޮތުން ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ސިޓީ އަށް މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. ނަމަވެސް މެޗުގެ 13 ވަނަ މިނެޓްގައި އާނޯލްޑް ދިން ޕާހަކުން ޖޯޓާ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޖޯޓާ މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ސިޓީން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓްގައި ކަންސެލޯ ނަގައިދިން ހުރަހަކުން ގެބްރިއަލް ޖީސެސް ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ.
ސިޓީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ސަޑިއޯ މާނޭ ވަނީ އަލުން ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މާނޭ މި ގޯލު ކާމިޔާބުކުރީ ސަލާހު ދިން ރީތި ޕާހަކުން ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މި ގޯލަށްފަހު ދެ ޓީމުން ވެސް މެޗުގެ ލީޑު ނަގަން މަސައްކަތް ކުރިއިރު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ސިޓީގެ ރިޔާދް މަހްރޭޒަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.