ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމަށް ޝެހްބާޒް ޝަރީފް އައްޔަން ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
ޝެހްބާޒް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މެމްބަރުންގެ 174 ވޯޓާ އެކު އެވެ. އޭނާ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުން މިރޭގެ ވަގުތެއްގައި އޮންނާނެ އެވެ.
ޝެހްބާޒް، އަކީ ޕާކިސްތާނުގައި މީގެ ކުރިން ތިން ފަހަރަށް ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. ޝެހްބާޒް ވެގެން ގޮސްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވާ 23 ވަނަ ބޭފުޅާ އަށެވެ.
އިމްރާން ހާނާއި ތަފާތުކޮށް އެމެރިކާއާ ގާތް ގުޅުމެއް ބާއްވައިގެން ވެރިކަން ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ޝެހްބާޒް މިދިޔަ ހަފްތާގައި ވެސް ވަނީ އެމެރިކާ އާއެކު ގާތް ގުޅުމެއް ބޭއްވުން ޕާކިސްތާނަށް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަމުން ދުރުކޮށްފައިވާ އިމްރާން ގެންދަވަނީ އޭނާގެ ވެރިކަން ބަދަލުކުރީ އެމެރިކާ ފަހަތުގައި އޮވެ ކުރި މަސައްކަތުން ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
ޝެހްބާޒް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާނީ އޮކްޓޯބަރު 2023 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު ދެން އޮންނާނީ އަނެއްކާވެސް ރައްޔިތުންގެ މެދުގައި ވޯޓެކެވެ.


