އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލައި ރެއާލް ސެމީއަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް އެގްރިގޭޓުން ކުރިހޯދައި ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީން ފުރުސަތު ހޯދައިފިއެވެ.

ރެއާލްގެ ސެންތިއޯގޯ ބާނަބައުގައި މިރޭ ކުޅުނު މި މެޗު ނިމުނީ 3-2 އިން ޗެލްސީ މޮޅުވެގެންނެވެ. ނަމަވެސް ރެއާލް ކުރި ހޯދާފައިވަނީ އެގްރިގޭޓް ނަތީޖާއިންނެވެ. އެއީ 5-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޗެލްސީން ވަނީ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ޓީމެއްގެ ގޮތުގައި ގިނަ ޕާސްތަކެއް ޖަހައިގެން ތަނަވަސްކުރި ފުރުސަތެއްގައި މިލަނޑު ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓެވެ. މިހާފުގައި ދެޓީމުންވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނައިރެއްނުވެ ޗެލްސީން ވަނީ އިތުރު ލަނޑެއްޖަހާ، ފުރަތަމަ ލެގުގައި 1-3 އިން މޮޅުވެގެން ރެއާލް އިން ހޯދި ގޯލު އެޑުވާންޓޭޖު ގެއްލުވާލާފައެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މިލަނޑު ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ރުޑިގާ އެވެ. ރުޑިގާ މިލަނޑު ކާމިޔާބުކުރީ މޭސަން މައުންޓު ނަގައިދިން ކޯނަރަކަށް ވަރަށް ރަނގަޅަށް ހުސްވެ، ފަސޭހަކަމާއެ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އަދި މިހާފުގައި މެޗުގެ 62 ވަނަ މިނެޓުގައިވެސް ޗެލްސީން ވަނީ ރެއާލްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. މާކޯސް އެލޮންސޯ މި ބޯޅަ ރެއާލްގެ ގޯލުގެ ތެރެއަށް ވައްދާލިނަމަވެސް، އޭނާ އޮފްސައިޑުގައި ހުރިކަމަށް ނިންމާ ރެފްރީ މިލަނޑު ބަލައިގެންފައެއް ނުވެއެވެ.

މެޗުގައި ރެއާލްގެ ކުޅުމުގެ ވަށްޓަފާޅިއަށް ބަދަލު އައިސް. ފާސްޓު ގޭމެއް އެޓީމުން ކުޅެންފެށީ މެޗުގެ 72 ވަނަ މިނެޓުގައި ޓޮނީ ކްރޫސްގެ ބަދަލުގައި ޒުވާން މިޑްފީލްޑަރު ކަމަވިންގާ ކުޅެން އެރުވި ހަސާބުންނެވެ.

އަދި މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީން ވަނީ މެޗުގައި އެޓީމުން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާއިންވެސް ކުރިހޯދާފައެވެ. އޭރިއާ ތެރެއަށް ކޮވަސިޗް ހުސްކޮށްދިން ބޯލައެއްގައި، ރެއާލްގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނަށްޓާލުމަށްފަހު ފޮނުވާލު ހަމަލާއެއް ކީޕަރު ކޯޓުއާގެ އަތުގައި ޖައްސާލުމަށްފަހު ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާއެވެ. ޗެލްސީގެ މިލަނޑާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ އެޓީމަށް ޔަގީންވީ ކަމަށް ގިނަ ބަޔަކު ނިންމިއެވެ. އަދި މިލަނޑާއެކު ރެއާލްގެ ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސްވިތަން ފެނިގެންދިޔައެވެ.

އެހެންނަމަވެސް އަނެއްކާވެސް ކަށިން ހިތްވަރުނެރެ ކުރި މަސައްކަތަރުން މިލަނޑު ޗެލްސީން ޖެހިތާ ފަސް މިނެޓުފަހުން ރެއާލް އިންވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއް ޖަހާ، އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. 80 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ޕާހެއްގައި މުޅިން ހުސްކޮށްހުރެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އަލުން ރެއާލަށް އުންމީދެއް ހޯދައިދިނީ ރޮޑްރީގޯ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަތް ވަނަ މިނިޓުގެ ތެރޭ ރެއާލުން ގޯލް ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ޒުވާން ފޯވަޑް ވިނީޝިއުސް ދިން ބޯޅައެއްގައި ބޮލުން ގޯލް ޖަހައި ރެއާލް ސެމީ އަށް ގެންގޮސްދިނީ ކެޕްޓަން ބެންޒެމާ އެވެ.

ޗެލްސީން މެޗުގެ ބާކީ އޮތް ވަގުތު ކޮޅުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ހުރަހަކަށްވީ ރެއާލްގެ ކީޕަރެވެ.


މި ފަހަރުގެ ސެމީގައި ރެއާލް ކުޅޭނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފުރަތަމަ ލެގުގައި ސިޓީން ވަނީ 1-0 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ