ބަޔާން ކަޓުވާލައި ވިޔަރެއާލް ސެމީ އަށް

ކުޅިވަރު ފަހުގެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު ސްޕެއިންގެ ވިޔަރެއާލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މި ދެ ޓީމް މިދިޔަ ހަފުތާގައި ސްޕެއިންގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ވިޔަރެއާލެވެ. މިރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުން ވިޔަރެއާލަށް ސެމީގެ ފުރުސަތު ލިބުނީ 2-1 އެއްގެ އެގްރިގޭޓު ނަތީޖާ އަކުން ކުރިލިބުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭ ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާނެވެ. ފުރަތަމަ ލެގުން މޮޅުވެފައިވުމުން ވިޔަރެއާލުގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ކައުންޓާގައި އެ ޓީމުން ބަޔާންގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލިއިރު އާނައުޓް ޑަންޖޫމާ އާއި ޖެރާޑް މޮރޭނޯ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ. އަނެއްކޮޅުން ފުރަތަމަ ހާފު ޑޮމިނޭޓް ކުރިނަމަވެސް މި ހާފުގައި ބަޔާނަށް ވިޔަރެއާލުގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ބަޔާނުގެ އެޓޭކުތައް ރަނގަޅުވެގެންދިޔަ އިރު މި ހާފު ފަށައިގެން 52 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގަ ޖެހިފައެވެ.

ވިޔަރެއާލުން އެގްރިގޭޓް ނަތީޖާ އަނބުރާލީ މެޗުގެ 88 ވަނަ މިނެޓުގައި ސެމިއުލް ޗުކުވޭޒީ ކާމިޔާބުކުރި ގޯލުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗުކުވޭޒީ ގޯލް ޖެހީ މޮރޭނޯ ދިން ބޯޅައެއްގައި ވައަތު ފައިން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އަންނަ މަހު ކުޅޭ މުބާރާތުގެ ސެމީ ފައިނަލުގައި ވިޔަރެއާލް ކުޅޭނީ ކުއާޓާގައި ލިވަޕޫލާއި ބެންފީކާ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ކުއާޓާގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ވަނީ 3-1 އިން ބެންފީކާ ބަލިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ