ލިވަޕޫލާއި މެންޗަސްޓަރ ސިޓީ ސެމީ އަށް

ކުޅިވަރު ފަހުގެ

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ލިވަޕޫލާއި މެންޗެސްޓާ ސިޓީން ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދައިފި އެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބެންފީކާއާ 3-3 އިން އެއްވަރުވިއިރު، އެޓީމު ސެމީ އަށް ދަތުރުކުރީ 6-4 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިފި އެވެ. ސިޓީން ރޭ އެތުލެޓިކޯ މެޑްރިޑް ދަނޑުގައި 0-0 އިން އެއްވަރުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ސިޓީ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ސިޓީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ބެންފީކާ އާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 އިން ދެ ޓީމުވެސް އެއްވަރެއްގައި އޮވެ އެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި ފްރާންސްގެ ޑިފެންޑަރު އިބްރާހިމް ކޮނާޓޭ ލިވަޕޫލަށް ލީޑު ނަގައިދިންއިރު މެޗުގެ 32 ވަނަ މިނެޓްގައި ގޮންކާލޯ ރާމޯސް ވަނީ ބެންފީކާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ލިވަޕޫލް އިން އިތުރު ދެ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކުރިއިރު އެ ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނޯ އެވެ. ބެންފީކާގެ ޔަރެމްޗުކް މެޗުގެ 73 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އެވެ.

އެތްލެޓިކޯ އާއި ސިޓީ ބައްދަލުކުރި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި މެޗުގައި ގޯލްޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފްގައި ގުންޑޮގާން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ދެވަނަ ހާފްގައި މުޅިން ވެސް ފެނިގެންދިޔައީ އެތްލެޓިކޯގެ ހަމަލާތަކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ފިލް ފޮޑެން އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އެތްލެޓިކޯގެ ފެލިޕޭ އަށް ރަތްކާޑު ދައްކާފަ އެވެ. 10 ކުޅުންތެރިންނާ އެކު ކުޅުނު އެތްލެޓިކޯގެ އެންހެލް ކޮރެއާ އަށް ފަހުވަގުތުކޮޅުތެރޭ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފަ އެވެ.

ސެމީގައި ލިވަޕޫލް ބައްދަލުކުރާނީ ބަޔާން މިއުނިކް ކަޓުވާލި ސްޕެއިނުގެ ވިޔަރެއާލްއާ އެވެ. އަދި ސިޓީ ނިކުންނާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ކަޓުވާލި ރެެއާލް މެޑްރިޑާ އެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ މި މަހުގެ ފަހުކޮޅު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ