މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު ދެއްވި ތާރިހުގައިވެސް ހަނިމާދޫ އެއާޕޯޓް މަޝްރޫއު ނުފެށުނެވެ.
އެމަނިކުފާނު ނިސްބަތްވާ ސަރުކާރުން ހަނިމާދޫ އަދި އުތުރުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ބިޔަ ބޮޑު މަޝްރޫޢުގެ ވައުދެވެ.
އެ މަޝްރޫއުއަށް ތަފާތު ތާރިހުތައް ދެމުން ގޮސް މިސަރުކާރުގައި އެންމެ ނުފޫޒުގަދަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ވަޒީރު 17 މާރިޗުގައި ހަނިމާދޫއަށް ވަޑައިގެން ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުންނާ ބައްދަލުކޮށް ވިދާޅުވީ 15 އޭޕުރީލްގައި ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއި ކުރެވޭނެކަމަށެވެ.
އެ ދަތުރުފުޅަކީ އެމަނިކުފާނު އުތުރުގެ ރަށްތަކަށް ކެންޕޭން ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެއީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށެވެ. ސިޔާރަކީ “ހިންގާލަން” މިފަދައިންނެވެ.
ހަނިމާދޫއަށް ރަސްމީކޮށް އެދަތުރުގައި އެމަނިކުފާނު ވަޑައިގަތީ މާރިޗް 20 ވީ ދުވަހުގެ ހެނދުނެވެ. އެދުވަހު ވިދާޅުވީ 15 އޭޕުރީލްގައި ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއި ކުރެވޭނެކަމަށާއި ސޮއި ކުރުން އޮންނާނީ ހަނިމާދޫގައި ކަމަށެވެ.
ނަމަވެސް 15 ވަނަ ދުވަސް މިއޮތް ފަހަނައަޅާ ގޮސް 16 ވަނަ ދުވަސް ފެށުނީއެވެ. އަދު ނޫނީ މާދަން ފަދައިން ސޮއިކުރުން މިދަނީ ކުރިއަށެވެ. މިހާރު ބުނާތީ އިވެނީ މި މަހުގެ 21 ހާތާގައި ސޮއި ކުރާނެ ކަމަށެވެ. މިތާރީހުވެސް ދުނިޔޭގައި ތިބި ބަޔަކަށް ދައްކަވާނެއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއިކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.
މަޝްރޫޢުގައި ސޮއިނުކުރެވުނަސް މޮޅު ނަމެއް ކިޔާލާފައި ރީޖަނަލް އެއަރޕޯޓްސް އުފައްދައި ހިންގުން ބަދަލުކޮށްފިއެވެ. ނަން ބޯޑު ބަދަލުކުރުމަކީ މި ސަރުކާރުގައި ގިނައިން ފެންނަ މަންޒަރެކެވެ. ނަން ބޯޑު ބަދަލުކުރުމަކުން ދުވެލި ބާރެއް ނުވިއެވެ. ގިނަ މުވައްޒަފުން ގެއަށް ގެންދަން ލިބުނު ލާރިކޮޅު މަދިވީއެވެ. އާއެކެވެ. ކޮންމެ ކަމަކުންވެސް އެއްބަޔަކަށް ފައިދާވާނެއެވެ. އެއީ މަދު ބަޔަކެވެ. އާއްމުކޮށް އެއީ ސިޔާސީ މީހުންގެ ހިތްރުހޭ އެމީހުންނާ ގުޅުންބޮޑު މީހުންނެވެ. ފައިދާކުރުވީ ހައްގުންތޯ ނިންމާނީ ތިބޭފުޅުންނެވެ.