ފުވައްމުލަކުގެ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ނައިބް ރައީސް ފައްޓަވައި ދެއްވައިފި

ޚަބަރު ފަހުގެ

ފުވައްމުލަކުގެ ސިޓީގެ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމުހޫއްރިއްޔާގެ ނައިބް ފައިސަލް ނަސީމް ފަށްޓަވައި ދެއްވައިފިއެވެ.

މިތަނުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ފުވައްމުލަކުގެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި މިސަރަހައްދަށްވެސް ޚިދުމަތް ދެވޭނެ މި މަރުކަޒު އައުމާއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

” މިއަދު އަޅުގަނޑުމެންގެ އުއްމީދަކީ މިސަރަހައްދަށްވެސް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރެވިގެންދާ މިމަރުކަޒުގެ ސަބަބުން އިތުރު ފަސޭހަތަކެއްވެ، މިހާރު މިދާއިރާގައި، ވަކިން ޚާއްސަކޮށް ޙިފްޒު ކްލާސްތަކާއި މިކަމުގައި ކިޔަވަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ” ނައިބް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބިނާ ކުރާ ޤުރުޢާނާއި ބެހޭ މަރުކަޒު ޢިމާރާތް ކުރުމަށް ފުރަތަމަ ބަޔަކާއި ހަވާލު ކުރީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ތަން ނުނިމި ކޯޓު މަރުހަލާގައި ބިމުގެ މައްސަލަ އޮތުމުން އެހެން ތަނެއްގައި މިތަން ޢިމާރާތް ކުރުމަށް އަލުން ހުޅުވާލައިގެން މަސައްކަތް ފެށުނެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެން ދިޔައިރު، ސަރުކާރުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިމަރުކަޒުގައި ކްލާސްރޫމްތަކާއި އޮޑިޓޯރިއަމް އަކާއި މީޓިން ރޫމާއި ލައިބްރަރީ ހުންނާނެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ. މިތަނުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފުވައްމުލަކުގައި މިހާރުވެސް ޤުރުއާނާއި ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގައެވެ. ނަމަވެސް މިހާރު ބޭނުން ކުރާ ޢިމާރާތަކީ ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން އޮތް އިމާރާތެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ