ކުރީގެ ސަރުކާރުގައި ހައި ކޯޓުގެ ދެ ފަނޑިޔާރުން ގަވައިދާ ހިލާފަށް ފްލެޓް ގަތް މައްސަލައިގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބުދުﷲ ހަމީދު ވަކިކުރަން ނިންމީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެކަމާމެދު މަޖިލީހުން ގޮތެއް ނިންމައި ދިނުމަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިއެވެ.
ޖޭއެސްސީ އިން ތުހުމަތު ކުރާ ގޮތުގައި ދެ ފަނޑިޔާރުން ވެސް ހާއްސަ އަގެއްގައި ފްލެޓް ގަނެފައި ވަނީ އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ވަކި ގޮތަކަށް ނެރުމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށް ޖޭއެސްސީ އިން ފާހަގަކޮށްފައި ވެއެވެ.
ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަމަށް ވެސް ޖޭއެސްސީ ބުނެއެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ފަނޑިޔާރުން މަގާމުން ވަކިކުރަން ވޯޓް ދެއްވުމުންނެވެ.