ފަރުޟު ނަމާދުކޮށް އަވަދިވެގެން ދުޢާކުރުމާއި ދުޢާކުރާއިރު ދެއަތް އުފުލުމުގެ ޙުކުމަކީ ކޮބައިތޯ؟

އިޖުތިމާޢީ ފަހުގެ ދީން

الحمد لله وكفى والصلاة والسلام على النبى المصطفى وعلى اله واصحابه اهل الوفاء والتابعين ومن بهداهم اقتفى. أما بعد:

ކީރިތި ރަސޫލާ ﷺ ގެ އެތަކެއް ޙަދީޘް ބަސްފުޅުން ޘާބިތުވާ ފަދައިން،  ފަރުޟު ނަމާދާއި ސުންނަތް ނަމާދަށް ފަހު ދުޢާކުރުމަކީ ޝަރުޢުވެގެންވާ ސުންނަތެކެވެ. އެފަދަ އެއް ޙަދީޘް އަކީ މުޢާޛް ބިން ޖަބަލްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވެވިއެވެ. “އޭ މުޢާޛްއެވެ. ﷲގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިމަން ކަލޭނގެފާނުން ކަލޭނގެފާނުންނަށް (ﷲއަށްޓަކައި) ލޯބިކުރައްވަމެވެ. ފަހެ އެއްވެސް ނަމާދަކަށް ފަހު “اللهم أعني على ذكرك وشكرك وحسن عبادتك” މިފަދައިން ދުޢާ ނުކުރަށްވާ ދޫކޮށްނުލައްވާށެވެ.” – أخرجه أبو داود والنسائي وصححه ابن حبان والحاكم-

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ނަމާދަށްފަހު ދުޢާކުރުމަކީ ކީރިތި ރަސޫލާ ﷺ އެކަމަކަށް ބާރުއެޅުއްވެވި ނުހަނު މަތިވެރި ސުންނަތެކެވެ. 

އަދި ޢާންމު އުޞޫލެއްގެ ގޮތުން ދުޢާކުރާއިރު ދެއަށް އުފުލުމަކީ އެކަމަކަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެހެނީ ސަލްމާނުލް ފާރިސީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވެވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ މަތިވެރިވެވޮޑިގެންވާ ވެރިރަސްކަލާނގެއީ ދިރިދެމިވޮޑިގެންވާ ދީލަތިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅާ ދެއަތް އުފުލާ ދެންނެވުމުން ހުސްއަތާ ރައްދުކުރެއްވުމަށް އެކަލާނގެ ލަދުވެތިވެވޮޑިގެންވެއެވެ.” – أبو داود-

މިހަދީޘްއިން ދޭހަވާފަދައިން ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން ދެއަތް އުފުލުންވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ދުޢާކުރައްވާއިރު ދެއަތްޕުޅު އުފުއްލަވާކަމަށް އެތަކެއް ޙަދީޘްއަކުން ޘާބިތެވެ. ނަމަވެސް ނަމާދުގައި ކުރެވޭ ދުޢާތަކާއި (ޤުނޫތުގައި ފިޔަވައި) ހުކުރު ޚުޠުބާގައާއި ކުރެވޭ ދުޢާގައި ދެއަތް އުފުލުމެއްނުވެއެވެ. އެފަދައިން ކީރިތި ރަސޫލާ ﷺ ޢަމަލުކުރައްވާފައި ނުވެއެވެ. 

އަދި ނަމާދަށްފަހު ޝަރުޢުވެގެންވާ ޛިކުރުތަށް ކިޔުމަށްފަހު ދުޢާކުރުމާއި އެދުޢާކުރާއިރު ދެއަތް އުފުލުމަކީ ކީރިތި ރަސޫލާގެ ﷺ ސުންނަތުން އެތަކެއް ޙަދީޘްއަކުން ޘާބިތުކަމެކެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ކޮންމެ ނަމާދަކަށްފަހު ދާއިމަށް އެފަދައިން ޢަމަލެއް ނުކުރައްވައެވެ. އެހެންކަމުން ކޮންމެ ނަމާދަކަށްފަހު ޛިކުރު ތަސްބީޙަ ކިޔާ ފަދައިން އާދަކޮށް ދެއަތް އުފުލާ ދުޢާކުރުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. 

والله أعلم.

ނޯޓް: ފަހު އައްތަހިއްޔާތަށްފަހު ސަލާމް ދިނުމުގެކުރިން ދުޢާކުރުމަށް ފަހު ނަމާދުގެ ފަހުން ދުޢާކުރުމާއި، އެފަދައިން ދުޢާކުރާއިރު ދެއަތް އުފުލައިގެން ދުޢާކުރުމަކީ ފިޤްހު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފީ މައްސަލައެކެވެ. އަދި މިބާބުތަކުއި ރިވާވެފައިވާ އެތަކެއް ހަދީޘްއެއް ވެއެވެ. ނަމަވެސް ޖުމުހޫރު ޢިލްމުވެރިންގެ ރާޖިހަކީ ނަމާދަށްފަހު ދުޢާކުރުވޭނެކަމެވެ. އަދި އެފަދައިން ޘާބިތު އެތަކެއް ޙަދީޘްއެއްވެއެވެ. އެހެންކަމުން އިމާމް އިބްނު ޙަޖަރު އެކަލޭގެފާނުންގެ ސަޙީޙް ބުޚާރީގެ ޝަރަޙަ ފަތުޙުލްބާރީގައި އެފަދައިން ބާބުވެސް ބަޔާންކުރައްވާފައި ހަދީޘް ޝަރަޙަ ކުރައްވާފައިވެއެވެ. އަދި ހަމަ އެއާއިއެކު އެފަދަ ޢަމަލުތަކަކީ ފަރުޟުގެ ގޮތުގައި ނުވަތަ ދަވާމުވެ ކުރެވޭ ސުންނަތްގޮތުގައި ކީރިތި ރަސޫލާ ވެސް އަދި އެކަލޭގެފާނުންގެ ޞަޙާބިންވެސް ކުރެއްވެވިކަމަކަށް ނުވާތީ ދަވާމުވެ ކުރެވޭ ސުންނަތްތަށް މިސާލަކަށް ޛިކުރު ތަސްބީޙަ ކިޔުންފަދައިން ކުރުމަކީ އެދެވިގެންވާކަމެއް ނޫންކަމަށް ޢިލްމުވެރިން ބަޔާންކުރަށްވައެވެ. އަދި ފިޤްހީ ޚިލާފީ މައްސަލަތަކުގައި ޢިލްމު ލިބިގެން ޢިލްމީ މުނާގަށާއެއް ނޫންގޮތަކަށް ޖަދަލުކޮށް އުޅުމަކީ އިސްލާމްދީނާއި މިދީނުގެ އަޚުލާޤިއްޔާތާއި ޚިލާފުކަމެކެވެ. މަތީގައި ބަޔާންކުރެވިފައިއެވަނީ މިމައްސަލައިގެ ރާޖިޙު ރަައުޔުގެ ޚިލާޞާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ