ވިޔަރެއާލްގެ ވިޔަރެއާލް ބަލިކޮށް ލިވަޕޫލް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ ލެގުގައި ވިޔަރެއާލްގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދާފައިވާއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލްއިންނެވެ. މިގޮތުން ލިވަޕޫލް ފައިނަލަށް ދަތުރުކުރީ 2-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ވިޔަރެއާލް ދަނޑުގައި ކުޅުނު ސެމީގެ ދެވަނަ ލެގުގެ މެޗު ފެށިގެން ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގައި، ލިވަޕޫލްއަށް ޕްރެޝަރުކޮށްފައެވެ. މި ލަނޑު ތިން ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއާއެވެ.
ލިވަޕޫލަށް ހަމަޖެހިލައިގެން ކުޅެވޭނެ ޖާގައެއް އެއްވެސް ވަރަކަށް ނުލިބި ވިޔަރެއާލުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 41 ވަނަ މިނިޓްގައި ފްރާންސިސް ކޮކަލާން ޖެހި ގޯލެކެވެ. ކަޕޫއެ ނެގި ހުރަހަކުން ކޮކަލާން ބޮލުން ޖެހި ބޯޅަ ގޯލުގެ ކަނަށް ވަންއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން އަށް ހަރަކާތްކުރެވޭ ގޮތެއްނުވި އެވެ.
ފުލުފުލުގައި އެޓޭކްތައް ކުރަމުންދިޔަ ލިވަޕޫލުން ނަތީޖާ އަނބުރާލި ގޯލު ޖެހީ 74 ވަަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. މާނޭ މި ގޯލު ޖެހީ ވިޔަރެއާލް ކީޕަރު ރޫލީ އާއި ޑިފެންޑަރު ހުއާން ފޮއިތު ނައްޓާފައި ގޮހެވެ.
ޕެރިހުގައި ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ދެ ވަނަ ސެމީގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ސެމީގައި ސިޓީން ވަނީ އަމިއްލަ ދަނޑުގައި 4-3 އިން ރެއާލް ބަލިކޮށްފަ އެވެ.
ލިވަޕޫލް ވަނީ މީގެ ކުރިން ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެޓީމު ވަނީ ތިން ޔޫރޮޕާ ލީގު، ހަތަރު ޔުއެފާ ސުޕަކަޕް އަދި އެއް ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.