ކެތިއަރާ 7 ވަނަ މަސްރޭހުގެ އެއްވަނަ ގާދަށު މަރިޔަ އަދި ދިރުން ފިޝިންގ ޓީމް ކާމިޔާބުކޮށްފިއެވެ.
ގާދަށު މަރިޔަ މަސްރޭހުގެ އެއްވަނަ ހޯދީ ހޯމަ ދުވަހު ބޭއްވުނު އަންހެނުންގެ މަސްރޭހުގައި ވާދަކޮށް 25.08 ކިލޯ މަސް ބައިގެންނެވެ. ދިރުން ފިޝިންގ ޓީމް އެއްވަނަ ހޯދީ އަންގާރަ ދުވަހު ބޭއްވި ފިރިހެން މަސްރޭހުގައި 43 ކިލޯ މަސް ބައިގެނެވެ.
ދެ ޖިންސުގެ މަސްރޭސް ނިމުމާއެކު ވަނީ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފައެވެ. އެގޮތުން އެންމެ ގިނަ މަސް ބޭނި އަންހެން އަދި ފިރެން ޓީމަށް އިނާމް ހަވާލުކޮށްދެއްވި ޒީނިޔާއެވެ. 28 މަސް ބާނައިގެން އަންހެން އެންމެގިނަ މަސް ބާނާފައިވަނީ ޓީމް ސިރާނީ އެވެ. 100 މަސް ބާނައިގެން ފިރިހެން ފަޅިން ހޮވިފައިވަނީ ދިރުން ފިޝިންގ ޓީމެވެ.
އެންމެ ބޮޑުމަހެއް ބާނައިގެން ދެވޭ މާކެޔޮޅަށް އިނާމް ހަވާލު ކޮށްދެއްވީ އެމްޓީސީސީ ގެ ހަނިމާދޫ ސައިޓް ސްޕަވެއިޒަރ ލަތީފް އެވެ. ފިރިހެން މާކެޔޮޅަށް ހޮވިފައިވަނީ 9 ކިލޯގެ މަހެއް ބާނައިގެން ޓީމް ގިނި ގެ ޠަހާ ޔާސިން އެވެ. އަދި އަންހެނުން ތެރެއިން މާ ކެޔޮޅަކަށް ހޮވިފައިވަނީ 6.3 ކިލޯ ގެ މަހެއް ބާނައިގެން، ގާދަށު މަރިޔަ ގެ ހާމިދާ އެވެ.
މަސްރޭހުގެ ދެވަނައަށް އިނާމް ހަވާލު ކޮށްދެއްވީ ޑަބްލިޔުޑީސީގެ ރައިސް އަދި ނައިބުރައީސްއެވެ. އަންހެން ދެވަނައަށް ހޮވިފައި ވަނީ 18.08 ކިލޯ މަސް ބާނައިގެން ޓީމް ސިރަނީ އެވެ. ފިރިހެން ފަޅި ދެވަނައަށް ހޮވިފައި ވަނީ 33.3 ކިލޯ މަސް ބައިގެން ޖަންގަލް ޕީޕީ އެވެ. ދެވަނައަށް ދިޔަ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް މިފަހަރު ވަނީ ހަވާލު ކޮށްފައެވެ.
އެއްވަނައަށް ދިޔަ ޓީމަށް އިނާމް ހަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ އަންހެން ދެމެންބަރު ކަމުގައިވާ ނާޒިޔާ އަދި ޙާރިޘާ އެވެ. އެއްވަނަ ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.