މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރެއާލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި 1-3 ގެ ނަތީޖާއަކުން ސިޓީ ބަލިކޮށްގެންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 3-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީންނެވެ. މިގޮތުން ރެއާލް ފައިނަލުން ޖާގަ ހޯދީ 5-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް އާދައިގެ ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ސިޓީން ވަނީ ދެވަނަ ހާފުގައި މެޗުގެ 73 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ފައިނަލުގެ އުންމީދު ބޮޑުކޮށްފައެވެ. ބާނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ތަނަވަސްވި ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޔާދް މަހްރޭޒް އެވެ. މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ ރެއާލްގެ ގޯލު ފޫއަޅުވާލަން ގިނަ ފުރުސަތުތައް ހޯދަމުންނެވެ.
މި މެޗުގެ ނަތީޖާ ރެއާލްއިން އަނބުރާލީ އިތުރު ވަގުތުގެ ތެރޭގައެވެ. މިގޮތުން 90 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ރޮޑްރިގޯ ނަތީޖާ ހަމަހަމަކޮށްފައިވާއިރު، އޭގެ މިނެޓެއް ފަހުން ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ކުޅުން ނިމިފައިވަނީ 5-5 ގެ ނަތީޖާއަކުން އެގްރިގޭޓް ނަތީޖާ އެއްވަރުވެގެންނެވެ. މިގޮތުން ނަތީޛާ ނެރުމަށް ދެން ކުޅެފައިވަނީ 15 މިނެޓުގެ ދެ ހާފްއެވެ.
އެކްސްޓްރާ ޓައިމް ފެށިގެންވެސް ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ 95 ވަނަ މިނެޓުގައި އެގްރިގޭޓް ނަތީޖާވެސް އަނބުރާލާފައެވެ. މި ލަނޑު ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބެންޒެމާއެވެ.
މި މޮޅާއެކު ރެއާލުން ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު ފައިނަލްގައި ރެއާލް ނުކުންނާނީ ސެމީ ފައިނަލުގައި ސެޕެއިންގެ ވިޔަރެއާލްގެ މައްޗަށް ކުރިހޯދި ލިވަޕޫލާއި ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
މިއީ ރެއާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދި 17 ވަނަ ފަހަރަށްވާއިރު، އެޓީމު ވަނީ މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައެވެ. އެޓީމު ފައިނަލުން ބަލިވެފައިވަނީ ތިން ފަހަރެވެ.