މަތިވެރީ އަމްސާ ކަޕްގެ ޗެންޕިއަންކަން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފުޓްސަލް ޓީމް ހޯދައިފި

ކުޅިވަރު ފަހުގެ

ފިތުރު އީދުގެ މުނާސަބަތާއި ގުޅިގެން އއ.މަތިވެރި އަމްސާ ޖަމިއްޔާއިން އެރަށުގައި ކުރިއަށް ގެންދިޔަ އަމްސާކަޕް 2022 ގެ ޗެންޕިއަންކަން އއ.އަތޮޅުގެ ކުޅިވަރުގެ ގަދަ ބާރެއް ކަމުގައިވާ އާރުބީޖީ ސްޕޯރޓްސް ކުލަބުން ހޯދައިފިއެވެ.

މި މުބާރާތުގައި އާރުބީޖީ ސްޕޯރޓްސް ކުލަބުން ވަނީ ކުޅުން އެއްވެސް މެޗަކުން ބަލިނުވެ ސެމީގައި ޒެނިކް ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ފޯރިގަދަ މެޗެއް ކުޅެ އެއްވަރުވެގެން ޕެނެލްޓީ ޖަހައިގެން ޒިނެކް ބަލިކުރުމަށް ފަހު ފައިނަލުން ޖާގަ ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އާރުބީޖީ އިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެކުލަބުވެސް ނިސްބަތްވާ ބޮޑުފޮޅުދޫ ޔަންގް ޕްލޭޔާރސް ސްޕޯރޓްސް ކުލަބާއެވެ. އެމެޗު ފަސޭހަ ކަމާއި އެކު އާރުބީޖީ އިން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގެ ގިނަ ޓީމްތަކެއްގައި ރާއްޖޭގެ ފުޓްސަލް ގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ކުޅެފައި ވާއިރު އާރުބީޖީ ޓީމްގައި ރަށުން ބޭރު އެންމެ ކުޅުންތެރިއެއްވެސް ހިމަނާފައެއް ނުވެއެވެ. މުބާރާތުގެ ޗެންޕިއަންކަން ހޯދީ މުޅިންވެސް ބޮޑުފޮޅުދޫއަށް ނިސްބަތްވާ ކުޅުންތެރިންނާ އެކުއެވެ. މީ އާރުބީޖީ ސްޕޯރޓްސް ކުލަބުން އެރަށުގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ ރަށު ކުޅުންތެރިންގެ ހުނަރުވެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔަ މުބާރާތެކެވެ.

އަމްސާ ކަޕްގެ ފައިނަލްގައި މަތިވެރި މާންސް ސްޕޯރޓްސް ކުލަބާއި ބައްދަލުރި މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު މާންސްއިން ވަނީ ގޯލެއް ޖަހައި ލީޑް ނަގާފައެވެ. އާރުބީޖީީީއިން ކުޅުން ރަނގަޅުކޮށް އެޓީމަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރ 9 ރުހުޝާން ޖަމީލްއެވެ. އާރުބީޖީ ގެ ފުރަތަމަ ގޯލްއަށްފަހު އިތުރަށް ކުޅުން ރަގަޅުކޮށް އެ ޓީމަށް 2 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ މި މުބާރާތުގައި ތަފާތު މޮޅުކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ ހުސެއިން ނަވާޒުއެވެ. އާރުބީޖީ ޓީމަށް ފައިނަލް މެޗުގައި ގޯލް ޖަހާދީފައިވަނީ މުހައްމަދު ޝިރުހާން އާއި ރުހުޝާން ޖަމީލްއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މެމްބަރުންނާއި ބޮޑުފޮޅުދޫ ގިނަ އަދަދެއްގެ ސަޕޯރޓަރުންގެ ފޯރިގަދަ ސަޕޯޓާއި އެކު 7-4 ގެ ނަތީޖާއަކުން އާރުބީޖީއިންވަނީ އަމްސާކަޕް ގެ ޗެންޕިއަން ކަން ހޯދާފައެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބަކީ އއ.ބޮޑުފޮޅުދޫގައި އެންމެ ފާހަގަ ކޮށްލެވޭ އަތޮޅާއި ރާއްޖޭގެ މަގްބޫލްކަން ހޯދާފައިވާ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކުލަބެކެވެ. އެކުލަބުން ވަނީ މި މުބާރާތުގައި އެޓީމްގައި އެކުލަބުގެ މެމްބަރުންގެ އިތުރުން މުބާރާތުގެ ސްކޮޑްގައި ހިމެނުނު ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ޓީމަށް ސަޕޯޓްކޮށް ދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އެކުލަބުން މައުލޫމާތު ދިންގޮތުގައި އާރުބީޖީގެ ވިސްނުމަކީ ރަށުގެ ކުޅުންތެރިން މުބާރާތްތަކުގައި ބޭނުން ކުރުން ކަމަށާއި ބޮޑުފޮޅުދޫ އަކީ ހުނަރުވެރި ކުޅުންތެރިންތަކެށް ތިބި ރަށެއް ކަން އެކުލަބުން ބައިވެރިވެފައިވާ މުބާރާތްތަކުގައި ސާބިތު ކޮށްދީފައިވާނެކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާއި އެކު އާރުބީޖީ ރަށަށް އައުމުން އެކުލަބުގެ މެމްބަރުން ވަނީ ހޫނު މަރުހަބާއެއް އެޓީމަށް ކިޔާފައެވެ. އެކަމަށްޓަކައި ކުލަބުގެ ހިންގާ ކޮމިޓީއިން ވަނީ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އާރުބީޖީއިން ހޯދި މި ކާމިޔާބީ ފާހަގަ ކުރުމަށް އއ.ބޮޑުފޮޅުފޫ ވާރޭވިލާ އާދަމް އަސްރަފް ވަނީ ކުލަބުގެ ފުޓްސަލް ޓީމަށް ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވާފައެވެ. އާދަމް އަސްރަފް އަކީ ބޮޑުފޮޅުދޫގެ ކުޅިވަރު ކުޅޭ ޒުވާނުން ތަމްރީން ކުރުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ފަރާތެއްކަން އެކުލަބުން ފާހަގަ ކޮށްފައިވެއެވެ. އެކަމަށްޓަކައި އެކުލަބުން ވަނީ އަސްރަފް އަށް ޝުކުރު އަދާކޮށްފައެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހުރިހާ ކުޅިވަރެއްގައި ކުޅުންތެރިން ތަމްރީން ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތަކީ އެކުލަބުގެ މެމްބަރ އަދި ޓީމްތަކުގެ ހެޑް ކޯޗް އާމިރު އިބްރާހިމް ކަން ފާހަގަކޮށް މިކާމިޔާބީ ހޯދައި ދިނުމުގައި ކޮށްދެއްވި މަސައްކަތަށް ކުލަބުގެ ހިންގާ ކޮމިޓީ އިން ވަނީ އާމިރު އަށާއި ކުލަބް ފުޓްސަލްޓީމްގެ ތަނބުކަމުގައިވާ މުހައްމަދު ރިއުޝާންއަށް ޝުކުރު އަދާކޮށްފައެވެ.

އެކުލަބުން މައުލޫމާތު ދެމުން ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިހާރު ތައްޔާރު ވަމުން މިގެންދަނީ ގައުމީ މުބާރާތެއްގައި އާރުބީޖީ ވާދަކުރުމަށް ދެކެމުން އައި ހުވަފެނުގައި ކުލަ ޖެއްސުމުގެ މަސައްކަތް ކަމަށާއި، އެގޮތުން ވޮލީބޯލް އެސޯސިއޭޝަން އިން އިއުލާން ކޮށްފައިވާ “އެސޯސިއޭޝަން ކަޕްގެ” އަންހެން ޑިވިޝަން ގައި ބައިވެރިވުމުގެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ބޮޑުފޮޅުދޫގެ ކުޅިވަރުގެ ތާރީހް ބަދަލު ކޮށްލި ހުނަރުވެރި ކުޅުންތެރިންތަކެށް އެކި އެކި ކުޅިވަރުތަކުން އުފެއްދުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ، މެމްބަރުންގެ ކުރިއެރުމަށް ހާއްސަ އިސްކަމެއްދޭ އއ.އަތޮޅުގައި ފާހަގަ ކޮށްލެވޭ ކުލަބެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ