ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ ކުޑަވަރެއްގެ ޖަލެއްގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށް އެއް އަހަރު ފުރުމާ ދިމާކޮށް މިރޭ “ޕީއެސްއެމް” އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އީވާ ވިދާޅުވީ މި ހަމަލާގައި ޝާމިލުވި ފަރާތްތައް ރަނގަޅަށް ދެނެނުގަނެވޭހާ ހިނދަކު ނަޝީދަށް އަދި ގައުމަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
އެގޮތުން މިހާރުވެސް ނަޝީދު އުޅުއްވަނީ ކުޑަވަރެއްގެ ޖަލެއްގައި ކަމަށާއި ފަސޭހަކަމާއި މިނިވަންކަމާއެކު ތަންތަނަށް ވަޑައިނުގެންނެވޭއިރު މީހުންނާއި ބައްދަލުކުރުމުގެ ފުރުސަތު ވެސް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.
ނަޝީދަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ލީޑަރުކަން ފާހަގަކުރައްވަމުން އީވާ ވަނީ އެމަނިކުފާނު އެހެން އުޅުއްވަން ޖެހުމަކީ އެއްވެސް ގޮތަކަށް އިންސާފެއް ނޫން ކަމަށާއި މީގެ ސަބަބުން ނަޝީދުގެ އެތައް ހައްގަކާއި މިނިވަންކަމަށް ވެސް އަރައިގަނެވެނީ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން މި ހަމަލާގެ ފަހަތުގައި ތިބި އެންމެން ނުހޯދޭ ކަމަށްވާނަމަ ނަޝީދަށް އޮތް ނުރައްކާ ވެސް ފިލައިގެން ނުދާ ކަމަށާއި އަދި ގައުމަށް ވެސް އޮތް ބިރުވެރިކަން ކުޑަ ނުވާ ކަމަށް އީވާ ވިދާޅުވި އެވެ. އަދި މި ހަމަލާއަށް އެއް އަހަރު ވެފައިވާއިރު އަދިވެސް ގިނަ ކަންކަން ހޯދައިނުވުމުން މިކަން ދެން ބަލަން ބޭނުން ނުވާކަމަށް ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.