އިތުރު ވަގުތުގެ ފަހު މިނިޓްގައި ޖޯޑީ އަލްބާ ޖެހި ގޯލުން 2-1 އިން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ އިން މި ފަހަރުގެ ސްޕެނިޝް ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.
ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ބެޓިސްގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށްވެސް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، މުޅި މެޗުގައިވެސް ބާސާ ހިފެހެއްޓުމަށް ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ބެޓިސްއިން ވަނީ އެޓީމަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު ކުރިޔަށް ޖެހި ބާސާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން ރަނގަޅު ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުންވެސް އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ދިޔައީ ތަނަވަސް ކުރަމުންނެވެ. އެގޮތުން ބާސެލޯނާ އަށް ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އެރި އަންސޫ ފާޓީ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ފާޓީ މި ގޯލު ޖެހީ އަލްބާ ދިން ބޯޅައަކުންނެވެ. ބެޓިސްގެ ގޯލުގައި ހުރި ރުއީ ސިލްވާ އަށް އެ ބޯޅަ ހުއްޓުވޭގޮތެއްނުވި އެވެ.
ބާސެލޯނާ އަށް ލީޑުގައި އޮވެވުނީ ތިން މިނިޓް ވަންދެނެވެ. ބެޓިސް އިން ވަނީ މެޗުގެ 79 ވަނަ މިނިޓްގައި މާކް ބާޓްރާ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ކުރިން ބާސެލޯނާ އަށް ކުުޅުނު ބާޓްރާ މި ގޯލު ޖެހީ ނަބީލް ފެކީރްގެ ހިލޭ ޖެހުމަކުން ބޮލުންނެވެ.
މެޗު ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. މިއީ ޑެނީ އަލްވޭސް ނެގި ހުރަހަކުން އަލްބާ ޖެހި ގޯލެކެވެ. އަލްބާ ވޮލީ އަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 35 މެޗުން ލިބުނު 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެ ވަނައިގައެވެ. މެޗުން ބަލިވި ބެޓިސް އޮތީ ކުޅުނު 35 މެޗުން ލިބުނު 58 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ފަސް ވަނައިގައެވެ. އެއްވަނައިގައި 34 މެޗުން 81 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަނައިގައި 34 މެޗުން 64 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. އަދި ހަތަރު ވަނައިގައި 34 މެޗުން 61 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑެވެ.