5 ލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި މިމަހު ހަތަރު ވަނަ ދުވަހު އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގަތީ އޭޕްރީލް 28ގައެވެ. އެތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވުނު ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން ނުވަތަ ކްރިސްޓަލް މެތަށް ޕޮޒިޓްވެފައިވާ ކަމަށެވެ. އަދި އެތަކެތީގެ ބަރުދަނުގައި 1.1363 ކިލޯ ހުރި ކަމަށާއި އޭގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

މިދިޔަ މާޗް 14 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3،000،000 (ތިން މިލިއަން) ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ