ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ނިންމީ ސީދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަމުން ރެކެން އުޅުމަކީ ފިނޑިކަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އެމްއާރްއެމް އިން މިހެން ބުނެފައިމިވަނީ ޔާމީންގެ ވެރިކަމުގައި މައުމޫން ހައްޔަރުކުރަން ނިންމި ނިންމުމަކީ އެމަނިކުފާނުގެ ނިންމުމެއް ނޫން ކަމަށް ވިދާޅުވެ ޔާމީން ވާހަކަފުޅުދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން މައުމޫން ޒައީމްކަން ކުރައްވާ އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭރު ސަރުކާރުގެ ބާރުތަކާއި، ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށެވެ.
“އެހެންކަމުން މިއަދު އެކަމުން ރެކިވަޑައިގަތުމަށް ދައްކަވާ ވާހަކަފުޅަކީ ހަޤީޤީ ލީޑަރުންގެ ފަރާތުން ފެންނަ ތިމާގެ ބާރުން ހިނގާ ކަންކަމުގެ ޒިންމާ ނެގުމުގެ ސިފަޔާއި ނުހަނު ބީރައްޓެހި، ފިނޑި ވާހަކަފުޅުތަކެކެވެ” އެމްއާރްއެމްގެ ބަޔާނުގައި ވެ އެވެ.
އެމްއާރްއެމް އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން، ދެންވެސް ވެރިކަން ލިބިއްޖެ ނަމަ އަނިޔާވެރިކަން އިސްކޮށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ޙުރުމަތް ކަނޑާލައި، ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން އިއްޔެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ.
އެގޮތުން ރައްޔިތުންގެ ކުރިމަތީ، ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ހިނގާފައި ހުރި ކަންކަމުގައި ދޮގުހަދައި، ހަޤީޤަތް އޮޅުވާލަން މަސައްކަތްކޮށް އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރުދިނުމަކީ ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އިޙްތިރާމް ނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް ބުނެފައިވެ އެވެ.
“އެފަދަ ކަންކަން ކޮށްއުޅެނީ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބަޔަކު ކަމަށް ދެކިގެން އަނިޔާވެރި ވެރިކަން ހިންގާ ވެރިންނެވެ. އެހެންކަމުން އެފަދަ ވާހަކަތަކަށް ނުހެއްލުމަށާއި، ސިޔާސީ ދަހިވެތިކަމުގައި ދައްކާ އެފަދަ ވާހަކަތަކުގެ ދަޅައިގައި ނުޖެހުމަށް މި ޕާޓީއިން ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރެމެވެ” އެ ބަޔާނުގައި ވެ އެވެ.