އިންޓަރ މިލާން ޔޫރޮޕާ ލީގުގެ ފައިނަލަށް

ކުޅިވަރު ފަހުގެ

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ ޔޫކްރެއިންގެ ޝަހްތަރު ޑޮނޭޝް އާއި އިޓަލީގެ އިންޓަރ މިލާން ވާދަކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އިންޓަރ މިލާން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.  މި މެޗު އިންޓަރ މިލާނުން ކާމިޔާބުކޮށްފައިވަނީ 0-5 އިންނެވެ. 

ރޭގެ މެޗުގައި އިންޓަރ އިން ޖެހި ފުރަތަމަ ލަނޑު 19 ވަނަ މިނެޓްގައި ނިކޮލޯ ބަރޭލާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދީފައިވަނީ އިންޓަރ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި އިންޓަރ އަށް ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރަކުން އިޓަލީގެ ތަޖްރިބާކާރު ޑިފެންޑަރު ޑެނީލޯ ޑި އަމްބްރޯސިއޯ އެވެ. އޭގެ ދިހަ މިނެޓް ފަހުން އިބްޓަރ އަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އުމުރުން 22 އަހަރުގެ މާޓިނޭޒް އަނެއްކާވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޓަރ އިން ރޭގެ މެޗުގައި ޖެހި ފަހު ދެ ލަނޑަކީ މި ސީޒަނުގައި އިންޓަރ އަށް ގިނަ ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ މެޗުގެ 78 އަދި 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން ދެ ލަނޑެވެ. 

މުޅި މެޗުގައިވެސް ޝަހުތަރަށް ލަނޑުޖެހުމަށް ލިބުނު ހަމައެކަނި ފުރުޞަތުގައި އިންޓަ 1-0 އިން ކުރީގައި އޮއްވާ، ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުގެ ޖޫނިއާ މޮރައެސް ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއެވެ.

ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުމާއެކު އިންޓަރ އަށް މިވަނީ 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތަށްޓެއް އުފުލާލުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ.

މި މުބާރާތުގެ ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް އިންޓަ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 00:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ