މައުލޫމާތު ހޯދާ ލިބިގަތުމަށް އޮންލައިން ޕޯޓަލް އެއް ތައާރަފްކޮށްފި

ޚަބަރު ފަހުގެ

މައުލޫމާތު ހޯދާ ލިބިގަތުމުގައި ބޭނުން ކުރާނެ އޮންލައިން ޕޯޓަލްއެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައާރަފްކޮށްފިއެވެ.

މަހޯލި ނަމަކަށް ކިޔާ މި ޕޯޓަލް ތައާރަފްކޮށްދެއްވީ މިއަދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ.

އިޝްތިހާރު
އިޝްތިހާރު

މަހޯލި ޕޯޓަލް މެދުވެރިކޮށް، ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް ކޮންމެ ފަރާތަކަށްވެސް އެދެވިދާނެއެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން އޮފިސަރު ދޭ މައުލޫމާތާއި މެދު ހިތްހަމަ ނުޖެހިއްޖެނަމަ، އެކަން މުރާޖައާ ކުރަން ހުށަހެޅުމާއި، އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށަހެޅުން ވެސް މި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

ޕޯޓަލް އިފްތިތާހު ކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރު އާހިދު ވިދާޅުވީ މި ޕޯޓަލް ތައާރަފްކުރުމުގެ ބޭނުމަކީ ވީހާވެސް ފަސޭހަ ގޮތެއްގައި މައުލޫމާތަށް އެދޭނެގޮތް ހަދާ ދިނުމަށެވެ.

މިގޮތުން ބައިނަލްއަޤްވާމީ ގޮތުންވެސް އެންމެ ރަނގަޅު މިންގަނޑަކީ މައުލޫމާތު ހޯދާ ލިބިގަތުމަކީ ވީހާވެސް ފަސޭހަ ކަމާއި އެކު ކުރެވޭ ކަމަކަށް ވުން ކަމުގައި އާހިދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިންޓަނެޓް އެކްސެސް ލިބޭ ބަޔަކަށް ވާތީ، އޮންލައިންކޮށް މައުލޫމާތަށް އެދި ހުށަހެޅުމުން ގިނަ ބަޔަކަށް އެކަމުން ފައިދާ ވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މިއަދު ޕޯޓަލް އިފްތިތާހު ކުރިއިރު، 50 އަށް ވުރެ ގިނަ އިދާރާއަށް މިހާރު ޕޯޓަލް މެދުވެރިކޮށް މައުލޫމާތަށް އެދެވެއެވެ. ދައުލަތުގެ 700 އަށްވުރެ ގިނަ އިދާރާތައް ހުންނަ އިރު މި އަހަރުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުރިހާ އިދާރާއަކުން މައުލޫމާތަށް އެދެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ