ކުއްލި ޙާލަތެއްގައި ދިމާވާ ހިނދު މަސައްކަތާއި ޚިދުމަތް ނުހުއްޓި ކުރިއަށްދެވޭނެ ފަދަ ވޯކްފޯސްއެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ނޭޝަނަލް އެޗްއާރް ކޮންވެންޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މިކޮންވެންޝަންގައި ނައިބު ރައީސްއާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް(މާޕް) އިން ކުރިއަށްގެންދާ ނޭޝަނަލް އެޗްއާރް ކޮންވެންޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މުޅި ދުނިޔެވެސް ބޮޑު ޕެންޑަމިކަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މީހުން ބިނާ ކުރުމާއި ހުނަރު ތަރައްޤީކުރުން ވެފައިވަނީ މީގެ ކުރިން މުހިއްމު ނުވާހާ މިންވަރަށް މުހިއްމުވެފައި ކަމަށެވެ.
ޕެންޑަމިކް ތެރޭގައި މަސައްކަތްކުރަން ޖެހުނު ޙާލަތުން ގިނަ ފިލާވަޅުތަކެއް ލިބިގަނެވިއްޖެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މުވައްޒަފަކީ މޭޒު ދޮށުގައި ހުރެގެން މަސައްކަތް ކުރަން ޖެހޭ މީހަކަށް ވާންނުޖެހޭކަމަށާއި، ޓެކްނޮލޮޖީގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްވެސް ދަސްވެގެން ދިޔަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަންވެސް މުހިއްމުކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ޕެންޑަމިކްތަކާއި އަންނަ ކުއްލި ޙާލަތްތަކުގައި މަސައްކަތާއި ޚިދުމަތް ހުއްޓާނުލާ ދެވޭނެ ފަދަ ވޯކްފޯސްއެއް ބިނާކުރުމަށް ނައިބު ރައީސްވަނީ ގޮވާލައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އިނގޭ ހަގީގަތަކީ އެތަނެއްގެ ތަރައްޤީއާއި ކުރިއެރުން ގުޅިފައިވަނީ އެތަނެއްގެ އިންސާނީ ވަޞީލަތް ހަރުދަނާވީ މިންވަރެއްގެ މައްޗަށްކަމުން މިއީ ކޮންމެހެންވެސް ކުރިއަރުވާ ހަރުދަނާކުރަންޖެހޭ ދާއިރާއެއްކަމަށެވެ.
ނޭޝަނަލް އެޗްއާރް ކޮންވެންޝަންއަކީ ހިއުމަން ރިސޯސްގެ ދާއިރާގައި ޙަރަކާތްތެރިވާ ސަރުކާރު މުވައްސަސާތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. އެޗްއާރް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދާ މި ކޮންވެންޝަންގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތުގެ މާޙައުލަށް ގެނެވިދާނެ ބަދަލުތަކާއި ޚިޔާލުތަކާއި ބޭނުންކުރެވިދާނެ ސްޓްރެޓެޖީތަކާއި ގުޅޭ މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންވެންޝަންގެ ތީމަކީ “ޓްރާންސްފޮމޭޝަން އެންޑް ކަލްޗަރ، ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް”އެވެ. މިފަހަރުގެ ކޮންވެންޝަންގައި 6 ޤައުމަކުން ބައިވެރިވާކަމަށް މާޕުން ވިދާޅުވެއެވެ. މީގެތެރޭގައި އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ އަދި އިނގިރޭސިވިލާތް ހިމެނޭކަމަށް އެއެސޯސިއޭޝަނުން ވިދާޅުވެއެވެ. އެޗްއާރްގެ މިފަދަ ފުރަތަމަ ބައްދަލުވުން ބާއްވަފައިވަނީ 2018 ވަނަ އަހަރުގައެވެ. އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުން އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުގައެވެ.