ހދ. ހަނިމާދޫ ސްކޫލްގެ ފާރުގައި ބަޔަކު އިންޑިއަން އައުޓް ލިޔެފައިވާތީ ހަނިމާދޫ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.
ހަނިމާދޫ ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރަށްވާ ރޭ އާންމު ކުރެއްވި ނޫސްބަޔާނުގައި ވަނީ އެ ޢަމަލަކީ ސަރުކާރުން އެރަށުގައި އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ ޒަމާނީ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ހިންގާ ސިލްސިލާ ސިޔާސީ ޙަރަކާތް އިންޑިއާ އައުޓް ގެ ބަސްތައް ބޭނުންކޮށްގެން ހިންގާފައިވާ އެ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
“މިފަހަކަށް އައިސް ހަނިމާދޫގެ ސަރުކާރު މުއައްސަސާތަކުގެ ފާރުތަކުގައާއި ދައުލަތަށް ނިސްބަތްވާ މުދަލުގައި
މި ސިޔާސީ ހަރަކާތުގައި ބޭނުންކުރާ ބަސްތައް ބޭނުންކޮށް އަދި ބެނާ ފަދަތަކެތި އާއްމު ތަންތާގައި މި ކައުންސިލުގެ ހުއްދަ ނެތި ބޭނުންކޮށްފައި ވާކަން ހިތާމައާއި ދަންނަވަމެވެ. މީގެ އިތުރުން ހަނިމާދޫގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ތާރު މަގުތަކުގައި ތާރުގަނޑު ހަލާކުވާގޮތަށް މި ދެންނެވުނު ހަރަކާތުގެ ބަސްތައް ލިޔެފައިވާކަން ވެސް ހިތާމައާއި އެކު ފާހަގަ ކުރަމެވެ.” އެބަޔާނުގައިވެއެވެ.
މިކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި ނަފްރަތު އުފެދި މުޖުތަމައުގެ އާއްމު މަސްލަހަތު ގެއްލެމުންދާކަމާށް އެ ބަޔާނުގައިވެއެވެ.
ހަނިމާދޫ ކައުންސިލުން ވިދާޅުވީ އެރަށަކީ ސުލްހައަށް ލޯބިކުރާ އަހުވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، އަދި އެރަށަކީ ތިލަދުންމަތީގެ ދަތުރުފަތުރު ނާރެސް ކަމަށެވެ.
“މިރަށަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ދޭސި އަދި ބިދޭސީ ދަތުރުވެރިންނާއި ފަތުރުވެރިން އަރާފައިބާ ރަށެކެވެ. ރަށުގައި ގިނަ އަދަދެއްގެ އިންޑިއާ އަދި މިނޫންވެސް އެކިއެކި ގައުމު ތަކުގެ ފަތުރުވެރިން އުޅެމުން އެބަދެއެވެ. ހަނިމާދޫ ސުކޫލުގެ އިތުރުން ރަށުގެ އެކިއެކި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކުގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން މިރަށުގައި ގިނަ އަދަކަށް އުޅެމުން ދާކަން ފާހަގަ ކުރަމެވެ. މި ހިނގާ ސިޔާސީ ހަރަކާތުގެ ސަބުން މި ފަރާތްތައް ބިރުވެރި ކަމެއްގެ ތެރޭގައި ވާކަން މި ފަރާތްތަކުން މި ކައުންސިލާއި ހިއްސާކޮށްފައިވާކަން ފާހަގަ ކުރަމެވެ.” އެބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލެމުންދާތީ މި ހަރަކާތް ހަނިމާދޫގައި ކުރިއަށް ގެންދިއުމުގައި އެ ކޯލިޝަންއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ މިފަދަ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައިވެއެވެ.
“މި ހަރަކާތް ހަނިމާދޫގައި ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް މިކައުންސިލުން
އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.” އެބަޔާނުގައި ވެއެވެ.