މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ – އެޗްޕީއޭ

ޚަބަރު ފަހުގެ

މިވަގުތު ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި މަހާ ހަމައަށް ރާއްޖެއިން ވެސް އަދި އަވަށްޓެރި ގައުމަކުން ވެސް މަންކީޕޮކްސްގެ ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ބައްޔަކީ ބަލިޖެހިފައިވާ މީހާއާއެކު ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔެއް ކަމުން މިވަގުތު ރާއްޖޭގައި އެ ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އެ ބަޔާނުގައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މަންކީޕޮކްސް ރާއްޖެއަށްވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވޭތީ އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

 ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއަށްފަހު 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ. މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

އެހެން ކަމުން އަލާމާތްތަށް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ