އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ބައެއް މީހުންނަށް މިހާރު ޖެހި ފެތުރެން ފަށާފައިވާ، މަންކީޕޮކްސް ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ( ޑަބްލިއުއެޗްއޯ ) އިން އިންޒާރުކޮށްފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ ގައުމުތަކުގައި މަންކީޕޮކްސް ފެތުރެމުން ދަނީ އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލީގެ ޖަރާސީމު އަރައިގެންނެވެ. އަދި ގައިންގަޔަށް ބަލީގެ ޖަރާސީމު އަރަނީ، ބަލި ޖެހިފައިވާ މީހަކާ މާ ގައިގޯޅިކޮށް އުޅެވުމުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މީގެ ކުރިން މަންކީޕޮކްސް ޖެހިފައި ހުރީ، އެ ބަލި ފެތުރިފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ގޮސްފައިވާ މީހުންނަށެވެ. ނަމަވެސް މިހާރު ބަލި ފެތުރެމުން ދަނީ، މީގެ ކުރިން އެ ބަލި ޖެހިފައިވާ އެއްވެސް ގައުމަކަށް ގޮސްފައިވާ ބައެއްގެ މެދުގައި ނޫން ކަމަށް ވާތީ، މިހާރު ބަލި ފެތުރެން މެދުވެރިވި ސަބަބެއް ދެނެގަތުމަށް އަންނަނީ ދިރާސާ ކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ ސްޓްރެޓީޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ރައީސް، ޑޭވިޑް ހޭމާން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު އެ ބަލި ޖެހިފައިވާ މީހުންނަށް ބަލި އެރި ގޮތެއް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މަސައްކަތް ކުރަމުން އަންނަނީ، ބަލި އެރީ ޖިންސީ ގުޅުމުގެ ޒަރީއާއިން ކަމަށް ލަފާކޮށްގެން ކަމަށެވެ. އެ ޖަމިއްޔާ އިން އެ ގޮތަށް ލަފާކުރާ މައިގަނޑު ސަބަބަކީ، ވިލާތުގެ ގައުމުތަކުގައި މިހާރު މަންކީޕޮކްސް ޖެހިފައިވާ ގިނަ މީހުންގެ ގައިގައި އެ ބަލި ހުރިކަން ދެނެގަނެވިފައިވަނީ، ޖިންސީ މައްސަލަތަކަށާއި ޖިންސީ ގުނަވަތްތަކަށް ޖެހޭ ބަލިތަކަށް ފަރުވާކުރާ ކްލިނިކްތަކުން ކަމަށް ވާތީ އެވެ.
އެ ފަދަ ކްލިނިކްތަކަކީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަންތަނެވެ. އަދި ކްލިނިކްތަކުން ކުރި ޓެސްޓުތަކުން، މަންކީޕޮކްސް ޖެހިފައިވާ ކަން ޔަގީން ކުރެވުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނާ އެކުގައި ޖިންސީ ގުޅުން ހިންގައި އުޅޭ ފިރިހެނުންނެވެ. އެއް ޖިންސުން ގުޅުން ހިންގާ އަންހެނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި އެ ބަލި ފެތުރިފައި ނުވާ 12 ގައުމެއްގައި އަލަށް ބަލި ފެތުރެން ފަށައި، އިއްޔެގެ ނިޔަލަށް 92 މީހަކަށް މަންކީޕޮކްސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް، އިތުރު 28 މީހެއްގެ ހަށިގަނޑުން ފެންނަން ފެށުމާ ގުޅިގެން، އެއީ މަންކީޕޮކްސް ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.