ސަސުއޯލޯ 3-0 އިން ބަލިކުރުމަށްފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އޭސީ މިލާނުން ހޯދައިފި އެވެ.
މިއީ 2011 ވަނަ އަހަރަށްފަހު އޭސީ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
އޭސީ މިލާނުން ލީގު ޗެމްޕިއަންކަން ހޯދީ 38 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އެވެ. ލީގަށް މިލާނާއި އެންމެ ގާތުން ވާދަކުރި އިންޓަ މިލާން 38 މެޗުން ލިބުނީ 84 ޕޮއިންޓެވެ.
ސަސުއޯލޯގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި އޮލިވިއޭ ޖިރޫޑް ވަނީ މިލާނަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި މިލާންގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖިރޫޑް ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރޭންކް ކެސީ ވަނީ މިލާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ވެސް މިލާނަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.