އެމްޕީއެލްގެ މަސައްކަތް އަވަސްކުރުމަށް އީއާރުޕީ ސޮފްޓްވެއަރ ބޭނުންކުރަން ފަށައިިފިއެވެ.
މިއީ ސޮފްޓްވެއަރ ލޯންޗްކުރީ ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލް އީއާރުޕީ ސޮފްޓްވެއަރ ލޯންޗްކޮށްފައިވަނީ އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން ކެންޕެއިންގެ ދަށުން ޕޯޓު ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. މިއީ މި މަސައްކަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އީއާރުޕީ ސިސްޓަމްއަށްދާން އެ ކުންފުނިން ނިންމީ 2019 ވަނަ އަހަރުކަމަށެވެ. އެމްޕީއެލްގެ މަސައްކަތް އަވަސްވެ، މަސައްކަތް ހަރުދަނާކުރަން ޖެހޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
އީއާރުޕީ ސޮފްޓްވެއަރއަކީ މި މަސައްކަތަށް ފަހިވި ދޮރެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޕީއެލްގެ އެތެރޭގެ މަސައްކަތް ކުރުން ފަސޭހަވެ، އަވަސްވެގެން ދިއުމުން އެމްޕީއެލްއިން ޙިދުމަތް ފޯރުކޮށްދޭ ކަސްޓަމަރުންނާއި، މުވައްސަސާތަކާއި، ޝިޕިން ލައިންތަކާއި، ކޮންސައިނިންނަށް އެ ކުންފުނިންދޭ މަސައްކަތް އަވަސްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި ސިސްޓަމްގެ ސަބަބުން އެމްޕީއެލްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
“ކުރިން ވަކިވަކި ސޮފްޓްވެއަރތަކުން ކުރި މަސައްކަތް މިހާރު އެއް ޕްލެޓްފޯމްއަކަށް އިންޓަގްރޭޓްވެގެންދިޔައީމަ އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެ އަޅުގަނޑުމެންގެ މުވައްޒަފުންގެ މަސައްކަތް ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ. އަޅުގަނޑުމެންނަށް މައުލޫމާތު ކުރީބައިގައި އެނގިގެންދާނެ. މަސައްކަތް ކުރަންވީ ގޮތާއި، އިތުރު ފިޔަވަޅު އަޅަންޖެހޭ އޭރިއާތައް ކުރިއާލާ އަޅުގަނޑުމެންނަށް އެނގިގެންދާނެ. އަދި ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުންފުނި މޮނިޓަރ ކުރައްވާ ފަރާތްތަކާއި، އަޅުގަނޑުމެންގެ ކުންފުނި އޮޑިޓްކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ. ކުންފުނީގެ މާލީ މުއާމަލާތްތަކާއި ހުރިހައި މުއާމަލާތްތަކެއްގެ ރެކޯޑްތައް ރައްކާތެރިކަމާއިއެކު ގިނަދުވަހު ރައްކާކޮށްފައި ހުންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުންފުނީގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ.” ޝާހިދު ވިދާޅުވިއެވެ.
ޑިޖިޓަލް ޓްރާންސްފޯރމޭޝަން ކެންޕެއިނަކީ ޕޯޓުގެ މަސައްކަތްތައް އަވަސްކޮށް ކުންފުނިން ޙިދުމަތްހޯދާ ހުރިހާ ފަރާތަކަށް ފަސޭހަގޮތްތަކެއް ހޯދައިދީ މިހާރަށްވުރެ ހަރުދަނާ މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ފެށި ކެންޕެއިނެކެވެ. އީއާރުޕީ ސޮފްޓްވެއަރގެ އެހީގައި ހުރިހާ ޑިޕާޓްމަންޓްތަކާއި އޮޕަރޭޝަންސްތައް ވަނީ ގުޅުލާމެހިފައެވެ.