އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާ މީހުން މަދުވުމަކީ، އެކަމަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވާ ކަމެއްކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަންވާނެ ކަމަށެވެ.
އަދި އިންޑިއާ އާއި ދެކޮޅަށް ހިންގާ ކެމްޕެއިން އަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ފާއިތުވި ހަފްތާ ތެރޭގައި އިދިކޮޅުން ކޮންމެ ރެޔަކު މާލޭގެ މަގުމަތީގައި މަދު ބަޔަކު ނުކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ދިވެހި ފުލުހުންނާއި ސިފައިން ވަނީ ނެރެފައެވެ. އަދި ފުލުހުންނާއި ސިފައިން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައިކަންވެސް ފާހަނގަކުރެވެއެވެ.