ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ކޯޑިނޭޓަރ އަދި ހެލްތު އެޑުވައިޒަރ ހަނިމާދޫ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ އިއްޔެ ހަނިމާދޫ ކައުންސިލް ޖަލުސާ ކުރާ މާލަމުގައެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި ހަނިމާދޫގައި އުފެދޭ ކުނި މެނޭޖުކުރުމާ ބެހޭގޮތުންނާއި ދަނޑު ބިންތަކާއި ދަނޑުވެރިކަމާ ގުޅޭ ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި އެ ބޭފުޅުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރަށުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާއި، ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ވާހަކަވެސް ހިއްސާކުރެވުނުކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި ކުނި މެނޭޖު ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރުމާއި، މިވަގުތު ކުނި ނައްތާލުމުގައި ދިމާވާ ދަތިތައް ވަނީ ހިއްސާކުރަށްވާފައެވެ. އަދި ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި ބެހޭގޮތުންވެސް ކައުންސިލްގެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.