ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ “އިންޑިއާ އައުޓް” ބެނާ ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔާމީންގެ ގެކޮޅުގައި ނަގާފައިވާ “އިންޑިއާ އައުޓް” ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން އަމުރެއް ހޯދައި އެ ގެއަށް ވަދެ އެ ބެނާ ނަގާފައިވާއިރު، ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ދިން އަމުރެވެ.
އެ މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޔާމީންގެ ގެކޮޅުން ބެނާ ނެގުމަށް ގެކޮޅަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު ބާތިލު އަމުރެއް ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ޔާމީން އިސްވެ ހުންނަވާ ހިންގަވާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ.
އިދިކޮޅުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.