ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.
އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައޫފު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް ނެންގެވީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަގައި ޖޭއެސްސީން ބެއްލެވުމަށްފަހު އޭނާ މަޤާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމައްސަލަ ބަލަމުންދަނިކޮށެވެ. މިމައްސަލާގައި މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލާގައި ޖުޑީޝަރީ ކޮމެޓީން ނިންމާފައިވަނީ، މި ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމީ އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށެވެ. އަދި ޖޭއެސްސީން މިމައްސަލާގައި މަޤާމުން ވަކި ކުރަން ފޮނުވި ދެ ފަނޑިޔާރުންގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
ނަމަވެސް ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށްކަމަށެވެ.
އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އިންނެވީވެސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމްއެވެ.