ތިމާވެއްޓަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ތަފާތު ބަދަލުތަކުގެ ސަބަބުން ރާއްޖެކަހަލަ ކުޑަ ޤައުމަކަށް އެބަދަލުތަކުގެ އަސަރު ކުރާލެއް އަވަސްވާނެކަމަށެވެ. އަދި އެއީ މޫސުމީ ބަދަލުތައް ކަމުގައިވީ ނަމަވެސް ރާއްޖެފަދަ ޤައުމަކަށް އޭގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެންމެން ގުޅިގެން މަސައްކަތްކުރާނަމަ މިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެބަޖެހޭ ތިމާވެށީގެ މައްސަލަތަކަށް ޚާއްސަކޮށް މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރިކުރުވަން. އަދި ވަކިން ޚާއްސަކޮށް ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލް މާހައުލުގެ ތެރެއިން މިފަދަ ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވަން އެބަޖެހޭ” ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ފުވައްމުލަކުގެ ބަފިޔަރ ރިޒަރވް ލޯގޯ އިފްތިތާ ޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް” ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެއެވެ.