އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ ވަރަށް ދަށްވާނެ – ނަޝީދު

ޚަބަރު ފަހުގެ

އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަރަނި 100 ބިލިއަނާއި ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާފައިވާއިރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ރޭ ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށްފިނަމަ ފަހުން ތަކްލީފާ ކުރިމަތިވާނެކަން އެނގޭތީ ކަމަށާއި މިއަހަރާއި އަންނަ އަހަރު ދަރަނި އަދާކުރަން އުނދަގޫވާނެކަން މީގެކުރިން ވެސް ފާހަގަކުރެއްވި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑުގެ އެސްޓިމޭޓްގައި ޖުލައި މަހު ރިޒާވް ވަރަށް ދަށްވާނެ. ނުރައްކާ ވާ ވަރަށް ދަށްވާނެ” ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް މަސްތަކުގައި ދަރަނި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފު ނުވާ ކަމަށާއި މިކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ދާދިފަހުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ވޯލްޑް ބޭންކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ ދެއްވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ