ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގޮނޑި ކޮއްކޮއެއް ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް، ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި މައްސަލައިގައި އެމްޑީޕީ މެންބަރުންގެ ހިޔާލުތަފާތުވުން ބޮޑުވުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި އެންމެ ބޮޑަށް ވާހަކަދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އޭނާ ވިދާޅުވީ އެ ކުއްލި މައްސަލަ ބޭރުކޮށްލީ އެމްޑީޕީން ތްރީލައިން ވިޕެއް ނެރެގެން ކަަމަށެވެ. ނަމަވެސް އެއީ ބާރުގަދަ ފަރާތް ކަމަށްވާ ސަރުކާރުން ނެރުނު ވިޕެއް ކަަމަށާއި އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ވިޕެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އިދިކޮޅުން ހުށަހެޅިއަސް ދޫކޮށްލަންޖެހޭ މައްސަލަތައް ހުންނާނެ ކަމަށާއި އެ މައްސަލަ ބޭރުކޮށްލި ވާހަކަ ނޫސްތަކުގައި އޮތްއިރު އެ މައްސަލައިގައި ބަދުނާމުވަމުންދަނީ މަޖިލިހުގެ ރައީސް ކަމަށެވެ. އަދި އެއީ މަޖިލިސް ރައީސް ބަދުނާމުކުރަންކުރާ ކަމެއް ކަމަށްވެސް ބޮންޑޭ ތުހުމަތުކުރެއްވިއެވެ.
ބޮންޑޭ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހަދަނީ މަޖިލިސް މެންބަރުން ކަމަށާއި އެއަށް އަމަލުކުރަން އަންގަނީވެސް މެންބަރުން ކަަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ މަސައްކަތަކީ މަޖިލިސް ގަވާއިދާ އެއްގޮތަށް ރިޔާސަތު ބެލެހެއްޓުން ކަމަށާއި މަޖިލިސް ރައީސަށް އޮތީ އެނޫން ކޮން ބާރެއްތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
“ބޮންޑޭގެ ވާހަކަތަކަށް ފަހުގައި ނަޝީދު ވިދާޅުވީ މަޖިލީހުގައި މިއަދު މަސައްކަތް ކުރަންޖެހެނީ “ގޮޑި ކޮއްކޮ” އެއްގެ ގޮތުގައިކަމަށެވެ. މަޖިލީހުގެ މެމްބަރުން ވިދަޅުވާ ގޮތަށް ވިދާޅުވި ކަމެއް ކޮށްގެން އިނުން ނޫންގޮތެއް މިއަދު ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އިއްޒަތްތެރި މެމްބަރު އަޅުގަނޑަށް ޔަގީން އަޑު އައްސަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި އަހުމަދު ޒަކީ އިންނެވިއިރުގައި ވިދާޅުވެފައި އޮތް ތިމަންނާއަކީ ހަމަ މިތާގައި އިންނަ “ގޮޑި ކޮއްކޮ” އެކޭ. ތި ވިދާޅުވިހެން އަޅުގަނޑަކީ ތިޔަބޭފުޅުން ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަކަށް ކުރާން އިންމީހެއް.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެމަނިކުފާނަށް ވަފާތެރި މެންބަރުން ވެސް ވޯޓު ދެއްވާފައިވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ބޭނުންނުވާ ކަމަށެވެ.