މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކުން ގަވާއިދު އެކުލަވާލުމަށް އަންގައިފި

ޚަބަރު ފަހުގެ

މަދަނީ އިޖުރާއަތުގެ ދަށުން ކޮންމެ ކޯޓަކުން އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމަށް ސުޕްރީމް ކޯޓުން ރާއްޖޭގެ ހުރިހާ ޝަރުއީ ކޯޓުތަކަށް އަންގައިފިއެވެ.

މި މަހު އަމަލުކުރަން ފަށާ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޝަރީއަތްކުރުމާ ބެހޭގޮތުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލަން ޖެހެނީ ކަމާބެހޭ ކޯޓުތަކުންނެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދާ ގުޅިގެން، އުއްތަމަ ފަނދިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވާ ސުޕްރީމް ކޯޓުން އާންމުކުރައްވާފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ، އެގާނޫނުގެ ދަށުން ކޯޓުތަކުން އެކުލަވާލަން ޖެހޭ ގަވާއިދުތައް އެކޯޓެއްގެ އިޖުރާއަތާ އެއްގޮތަށް އެކުލަވާލުމަށެވެ.

ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނާއެކު އެގަވާއިދުތައް އެކުލަވާލުމަށްޓަކައި ބޭނުންކުރެވިދާނެ ނަމޫނާ ގަވާއިދުގެ ދެލިކޮޕީއެއް ވަނީ ހިމަނާފައެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ 425 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޝަރީއަތްކުރުމާ ގުޅޭގޮތުން އެގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުންކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރީން އެ ގަވާއިދުތައް އެކުލަވާލަން ޖެހެއެވެ.

ސުޕްރީމް ކޯޓުން ވަނީ އެކޯޓުން ހިމަނާފައިވާ ނަމޫނާއަށް ބަލައިގެން ކޮންމެ ކޯޓަކުން އެކޯޓެއްގެ އިޖުރާއަތާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ގަވާއިދު އެކުލަވާލައި، ގާނޫނުގައިވާ ގޮތުގެ މަތީން އެ ގަވާއިދު ގެޒެޓް ކުރުމަށް އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ