މޭ 6 ހަމަލާގެ ޝަރީއަތް: ގާޒީ އާދަމް މުހައްމަދު ތަނާޒުލް ވެއްޖެ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބަލަމުން އަންނަ ގާޒީންގެ ބެންޗުން ގާޒީ އާދަމް މުހައްމަދު ތަނާޒުލް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ގާޒީ އާދަމް މުހައްމަދު ބަލަހައްޓަވާއިރު ދެން ބެންޗުގައި ހިމެނެނީ ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުހައްމަދު މިސްބާހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވާއިރު، އަޑުއެހުމުގައި އޮތީ އިފްތިތާހީ ބަޔާން އިއްވުމެވެ. އެހެންނަމަވެސް މި މައްސަލައިގައި ދައުވާލިބޭ އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމަށް ގާޒީ އާދަމް މުހައްމަދު ފާހަގަކުރެއްވިއެވެ.

އެސިޓީގައި ބުނެފައިވަނީ ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިސްހާގުގެ އާއިލާ މީހެއްގެ މައްޗަަށް ދައުވާ ކޮށްފައިވާ ކަމަށާއި، އަދި އެމައްސަލަ ނިމެން ކައިރިވެފައިވަނިކޮށް އޭނާގެ އާއިލާގެ އެހެން މެމްބަރަކު ގާޒީ އާދަމްް މުހައްމަދަށް އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލު ވުމަށް އިސްހާގުގެ ސިޓީގައި އެދިފައިވެއެވެ.

އެހެންކަމުން ގާޒީ އާދަމް މުހައްމަދު ވަނީ މިމައްސަލައިން ތަނާޒުލުވެފައެވެ.

މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހު މަޖީދީ މަގުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދަުއވާ އުފުލާފައިވާ މީހުންގެ ތެރެއިން މިހާރު ޝަރީއަތް ކުރިއަށްދަނީ އިސްހާގު، ތަހުމީން އަހުމަދު، މުޖާޒް އަހްމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމް އަދި ފަހުމީ އަލީގެ ބައެވެ.

މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން މިހާރު ކުރިއަށްދަނީ ޝަރީއަތް ފެށުމުގެ ކުރީގެ މަރުހަލާތަކެވެ.

ތަނާޒުލު : ކަމަކުން ވާ އެއްކިބާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ