ހައިކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި އެ ޕާޓީގެ ފަސް މެންބަރަކަށް ފިޔަވަޅު އަޅައިފި އެވެ.
އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފަށް އެ ޕާޓީގެ ފަސް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. އެގޮތުން މެމްބަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދީ ސިޓީ ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެ ފަސް މެމްބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި ތިނަދޫ ދެކުނު އަބްދުﷲ ސަނީފްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދެވެ.
ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅަން ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެ ޕާޓީގެ 19 މަޖްލިސް މެންބަރަކު އިއްޔެ ވަނީ ތެދުވެފަ އެވެ.
މި މެމްބަރުން މިގޮތަށް ނިންމީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން 65 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
އެ ބައްދަލުވުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށެވެ.
ނަޝީދުގެ އެ މެސެޖަށް އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފަ އެވެ.
އެ މެެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރު އަދި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.