ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ލޯންޗުކުރުމަށް ތައްޔާރުވަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ލޯންޗުކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި މިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިންނެވެ. މި މަސައްކަތުގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އައިޖީއެސް އެޗްޑީސީއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީން ވަނީ އާންމުކޮށްފައިވާ މި މަސައްކަތާ ބެހޭ ވީޑިއޯ އިންޓަވިއުއެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ، މިހާރު ތައްޔާރުވަމުން އަންނަނީ ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންއަށްކަމަށާއި، މިއީ ވަރަށް ތާރީހީ އަދި އެހާމެ މުހިންމު މިޝަންއެއް ކަމަށެވެ.

“މި މިޝަންގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓުކުރުން. މި ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކުރަން އަޅުގަނޑުމެން އުފައްދާ ސެޓެލައިޓެއް” ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ މުސްތަގުބަލަށްވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް އެއްކުރުމަށްޓަކާ ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް އުފުލާލެވޭނެ ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން މިފަދަ ކަންކަން ކުރެވޭނެ، މިކަންކަމަށް ގާބިލް ޒުވާނުން ދިވެހިރާއްޖޭގައި ތިބިކަން ދިވެހި ޒުވާން ޖީލަށްވެސް އަދި މުޅި ދުނިޔެއަށްވެސް ހާމަވެގެން ދާނެކަމަށް ރިފްއަތު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މި މިޝަންގަ، މި ޓީމްގަ މިތިބީ ގައުމީ ފެންވަރުގަ ވަރަށް ފާހަގަކޮށްލެވޭ އިލްމުވެރި ޒުވާނުން މިތިބީ. އަޅުގަނޑުމެންނަކީވެސް ދުނިޔޭގެ ފެންވަރުގެ މަސައްކަތްތައް ކުރާ އެފަދަ ކަންކަމާ ކުރިމަތިލާ އެކަންކަން ކާމިޔާބުކުރާ ބަޔަކަށްވުން އެންމެ ބޮޑު މަސައްކަތަކީ” ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއާ ގުޅިގެން ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވިއެވެ.

މި މިޝަންއާ ގުޅިގެން ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިއީ ދިވެހި ޓީމަކުން ކުރާ ވަރަށް ތާރީހީ މަސައްކަތެއް ކަމަށާއި، މިކަމުގައި ބައިވެރިވުމަށް ދައުވަތު ލިބި އެހީތެރިކަން ފޯރުކޯށްދެވުމަކީ ފަހުރެއް ކަމަށެވެ.

“މި މިޝަންއަކީ ވަރަށް ތާރީޚީ މަސައްކަތެއް ދިވެހި ޓީމަކުން ކުރަމުން އަންނަ. އެންމެ ފުރަތަމަ މިކަހަލަ މަސައްކަތެއް ކުރާ ބަޔަކަށްވެފައި، އަޅުގަނޑުމެންނާއި ހަމައަށް މީގައި ބައިވެރިވުމަށް އިންވިޓޭޝަން ލިބުނީމަ އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ދިވެހިން ޒުވާނުންގެ ފަރާތުން އަންނަ މިފަދަ އިނިޝިއޭޓިވްސްތަކަށް އަޅުގަނޑުމެން ހަމަ މަރުޚަބާ ކިޔާނަން. އަޅުގަނޑުމެންނަށް ދެވެން އޮތް އެހީތެރިކަމެއް ދޭނަން” އާޠިފް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ