ސްކޫލްތަކާއި އޮފީސްތަކުގައި މާސްކު އަޅައިގެން އުޅުމަށް އެޗް.ޕީ.އޭއިން އަންގައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ސްކޫލްތަކާއި އޮފީސް ފަދަ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ ދެ ވަނަ ހަފްތާއާ އަޅާ ބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާ ކޮވިޑް ކޭސްތައް 185 އިންސައްތަ އިތުރުވެފައިވާކަމަށާއި މި މަހު މިހާތަނަށް ކޮވިޑް ބަލީގައި ފަރުވާ ދެމުންދިޔަ 3 މީހަކު ނިޔާވެފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން މިދުވަސްވަރަކީ ޗުއްޓީތަކާއި ދިމާވެ ގިނަ ބަޔަކު ރާއްޖެތެރެއާއި ބޭރުގެ ދަތުރުތައް ކުރާ ދުވަސްވަރަކަށް ވުމާ އެއްވުންތަކާ ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ގިނަ މީހުން އެެއްވާ ތަންތަނާ ބަންދު ތަންތަނުގައި އަދި ހައި ރިސްކް މީހުނާއި ކުދިން ގިނައިން އުޅޭ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭއިން އަންގައިފައިވެއެވެ.

މީގެ އިތުރުން ސިއްޙީ ހިދުމަތްދޭ ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި ކޮވިޑްގެ އެއްވެސް އަލާމަތެއް ހުރިނަމަ މާސްކު އަޅާ، ގޭގައި އެކަހެރިވެ ވީހާވެސް އަވަހަކަށް ޓެސްޓު ކުރުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އުވާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ