ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒް (2 ވަނަ ބޫސްޓަރ) ޖެހުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިޑޯޒް ޖަހާނީ ކޮވިޑް-19 ގެ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިވަގުތު ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ 65 އަހަރު ވެފައިވާ މީހުންނާއި 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެެއެވެ. އޭގެ އިތުރުން ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުންނާއި ޑައިލިސިސް ހަދާ މީހުން ވެސް ހަތަރު ވަނަ ޑޯޒް ޖެހުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެެ.
މީގެއިތުރުން އެޗްޕީއޭ އިން ބުނީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 ވެކްސިންގެ 3 ވަނަ ޑޯޒް ދޭން ނިންމާފައިވާ ކަމަށެވެ.
ތިންވަނަ ޑޯޒު ދޭން ނިއްމާފައިވަނީ ދެވަނަ ޑޯޒް ފުރިހަމަކުރިތާ ހަ މަަސްވެފައިވާ ކުދިންނަށެވެ. ކުޑަކުދިންނަށް ތިންވަނަ ޑޯޒް، އަދި ބޮޑެތި މީހުންނަށް ހަތަރުވަނަ ޑޯޒް މާދަމާއިން ފެށިގެން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގައި ހަތަރުވަނަ ޑޯޒް ޖަހަންފަށަން ނިއްމާފައިވާއިރު ކޮވިޑުގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވަމުންދާތީ، މާސްކުއެޅުމާއި، ދަތުރުކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސްކޮށްފައި ވެއެވެ.