ރައީސް ނަޝީދަށް އިންޒާރު ދިން މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދީ އަބޫޖަހުލަށް ހަދާލޮ ގޮތަށް ހަދާލާނެ ކަމަށް ބުނި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށްފަހުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ރައީސް ނަޝީދުއަށް އިންޒާރުދިން މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވަނީ، ހ.ލައިޓްނައިޓް އިސްމާއިލް ޔާސިފް މައްޗަށެވެ. އޭނާ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިމައްސަލައާއި ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައެެވެ. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރިކަމުގެ ދައުވާ ކޮށްފައިވާ އެފަދަ ލިޔުމެއް އޭނާ ފޭސްބުކްގައި ހިއްސާ ކުރި މައްސަލައެއްގައެވެ.

ދައުވާތަކަށް އިއުތިރާފު ވުމަށް ފަހުގައި އޭނާ ފަހުން ވަނީ އަނެއްކާވެސް ދައުވާތަކަށް އިންކާރުކޮށްފައެވެ. މިއަދު އޮތް ޝަރީއަތުގައި އޭނާގެ ވަކީލު ހުސްނީ މުބާރަކު ވަނީ ޔާސިފްއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ފާހަގަކޮށް، އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ފަހުގައި ނޫނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެހެންކަމުން ދިފާއުން އެދުނު ގޮތަށް ޝަރީއަތުން ވަނީ އެއަމުރު ނެރެދެއްވާފައެވެ.

ޔާފިސްގެ ނަފްސާނީ ހާލަތުގެ މައްޗަށް މެޑިކަލް އެސެސްމެންޓެއް ހެދުމުގެ އަމުރެއް ނެރެދޭން ނިންމެވުމަށް ފަހު، ގާޒީ ދީބަނާޒް ވަނީ އެ އަމުރުގައި ހިމަނަން ދިފާއުންނާއި ދައުލަތުން ބޭނުންވާ ހާއްސަ ކަމެއް އޮތްނަމަ، އެ ކަމެއް ފާހަގަކޮށްދެއްވަން ފުރުސަތު ދެއްވާފައެވެ.

އެ ފުރުސަތުގައި ދިފާއުން ވިދާޅުވީ ދާއިމީ ގޮތެއްގައި ބޭސްކުރަން ޖެހޭ ނަފްސާނީ ބައްޔެއް ހުރިއިރު، އެއަށް ބޭސްނުކޮށް ފަރުވާ ނުހޯދާ މުއްދަތުގައި އޭނާގެ ނަފްސާނީ ހާލަތު ހުންނާނެ މިންވަރު ދެނެގަންނަން ބޭނުންވާ ކަމަށާއި އަދި، އެ ހާލަތުގައި އޭނާ ކުރާ ކަންކަމުގެ ޒިންމާވެވޭނެ މިންވަރާއި ކުރެވޭ ނުކުރެވޭ ކަންކަން އޭނާއަށް އެނގޭ މިންވަރު ބެލުމަށް ވެސް ބޭނުންވާ ކަމަށެވެ.

ޔާފިސްގެ ނަފްސާނީ އެސެސްމެންޓް އައިޖީއެމްއެޗް ހޮސްޕިޓަލުން ހެދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއެއްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އަދި އެ އަމުރުގައި ޔާފިސްގެ ފަރާތުން އެއްބާރުލުން ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ