ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ފަސްވަނަ މެޗުގައި ނެއްލައިދޫއާ އިހަވަންދޫ އެއްވަރުވިއިރު ދިއްދޫ އަތުން ކުޅުދުއްފުށި ބަލިވެއްޖެ އެވެ.
ޓީމް ނެއްލައިދޫ ވަނީ އިއްޔެ ކުޅުނު މެޗުގައި އިހަވަންދޫ ކްލަބް ޕޯލްސްޓާއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްގެން ޕޮއިންޓެއް ހޯދައިފަ އެވެ.
މިއީ ނެއްލައިދޫ މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ. ފުރަތަމަ ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.
ހަނިމާދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ނެއްލައިދޫ އިންނެވެ. މި ލަނޑު 24 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ޝާހީން އެވެ. ޕޯލްސްޓާ އިން އެއްވަރު ކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ސާނިއު ޖަހައިދިން ލަނޑުންނެވެ.
އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި އެޓީމުން ވަނީ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް 3 – 1 ން ބަލިކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ޒިގްޒެގަށް ލަނޑުޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހޭންޑްބޯލްއަކާ ގުޅިގެން ރެފްރީ ޒިގްޒެގަށް ޕެނަލްޓީއެއް ދިންއިރު އެޓީމުގެ އަހްމަދު ދާއޫދު ފޮނުވާލި ޕެނަލްޓީ ދިއްދޫގެ ކީޕަރު ޝާޑު ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ދިއްދޫއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ދިއްދޫގެ ފޯވާޑް ހުސެއިން ޒިމްޔާން އެވެ. މެޗުގައި ދިއްދޫގެ ދެވަނަ ލަނޑަކީ ވެސް ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތައުމީން ނޫހު އެވެ. މިއީ ޒިގްޒެގުން ކުރި ފައުލްއަކާ ގުޅިގެން ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބަށް ލިބުނު ޕެނަލްޓީ އެކެވެ. ދިއްދޫގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ނަސީމެވެ.
ކުޅުދުއްފުށީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރުވަގުތުގެ 2 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ފޯވާޑް ޒައިދު އެވެ.
މިއާ އެކު ހއ. އަދި ހދ. އަތޮޅުގެ ފަސް ޓީމު ހިމެނޭ ގުރޫޕުގައި ކޮންމެ ޓީމަކަށް ވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ދިއްދޫ ބީއެކްސް ސްޕޯޓްސް 10 ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު، ހަތް ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ކުޅުދުއްފުށީ ޒިގްޒެގް އެވެ. އަދި ތިންވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ޓީމް ހަނިމާދޫ އެވެ.
އިހަވަންދޫ ޕޯލްސްޓާ އާއި ޓީމް ނެއްލައިދޫ ވެސް މެޗަކުން މޮޅެއް ހޯދިފައި ނުވާއިރު، ޕޯލްސްޓާ ހަތަރުވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ނެއްލައިދޫ އަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.
މާދަމާ ހަވީރު ވެސް މި ގުރޫޕުގެ ދެ މެޗު ކުޅޭނެ އެވެ. ދިއްދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެރަށު ބީއެކްސް ސްޕޯޓްސް އާއި ޕޯލްސްޓާ އެވެ. ހަނިމާދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެއްލައިދޫ އާއި ކުޅުދުއްފުށި ޒިގްޒެގް އެވެ.